މި މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކުރިން މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި މަޖިލީސް ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން ދެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސަށް ލިބިދީފައިވާ ވިރާސީ ބާރުގެ ދަށުން ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް ނިންމުވުމުގެ ކުރިން ޕާޓީތަކާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.

"މަޖިލީހުގެ ރައީސަށް ލިބިދީފައިވާ ވިރާސީ ބާރުގެ ދަށުން ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހު ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ އިންތިހާބު ނިމެންދެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ މެދުކަނޑާލީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އިއުލާން ކުރުމަށްފަހުގަ އެވެ.