ސަރުކާރުން ރައްޔިތުންގެ މަޖުލީހަށް ފޮނުވާފައިވާ 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މޯލްޑިވްސް ބުރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ބަޖެޓެއް ކަނޑައަޅާފައި ނުވާތީ އެމްބީސީގެ ބަޖެޓު ކަނޑައަޅައިދިނުމަށް ރައްޔިތުން މަޖުލީހަށް ދިވެހި ނޫސްވެރިންގެ ގައުމީ ޖަމްއިއްޔާ (އެމްއެންޖޭއޭ) އިން ގޮވާލައިފި އެވެ.


އެމްއެންޖޭއޭ އިން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ބުނަނީ ދެފުށް ފެންނަ އަދި އިންސާފުވެރި މީޑިއާއެއް ގާއިމް ކުރުމަށްޓަކައި ރައްޔިތުންގެ މަޖުލީހުން ގާނޫނަކުން ކަނޑައަޅާފައިވާ އެމްބީސީ އަށް، ދައުލަތުގެ ހަޒާނާއިން ހޭދަކުރަން ޖެހޭ ކަމަށާއި އެމްބީސީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.


"ދައުލަތުގެ މީޑިޔާއަކީ ވަކިފަރާތަކަށް ބުރަނުވާ އިންސާފުވެރި ދެފުށް ފެންނަ ވަސީލަތަކަށް ހެދުމަށްޓަކައި މޯލްޑިވްސް ބުރޯޑްކާސްޓިން ކޯޕްރޭޝަން (އެމްބީސީ)ގެ ނަމުގައި ރައްޔިތުންގެ މަޖުލީހުން އުފައްދާފައިވާ ކުންފުނީގެ މަސައްކަތްތައް ފަށައިގަނެވެން އަންނަނީ އެމްބީސީ އުފެއްދުމުގެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަ ކުރެވި، އެމްބީސީއަށް ދައުލަތުގެ ހަޒާނާއިން ފައިސާ ދީގެންނެވެ،" އެމްއެންޖޭއޭގެ ބަޔާނުގައިވެ އެވެ.


އެ ނޫސްބަޔާނުގައި ސަރުކާރުން ރައްޔިތުންގެ މަޖުލީހަށް ފޮނުވާފައިވާ ބަޖެޓުގައި މީޑިއާގެ ފަރާތްތަކަށް ސަބްސިޓީ ދިނުމަށް ބަޖެޓެއް ކަނޑައަޅާފައިނުވާތީ މީޑިއާތަކަށް ސަބްސިޓީ ދިނުމަށް ބަޖެޓެއް ކަޑައަޅައިދިނުމަށް ވެސް ސަރުކާރަށާއި ރައްޔިތުންގެ މަޖުލީހަށް ގޮވައިލައިފައިވެ އެވެ.


"މީޑިޔާއަށް ކުރިމަތިވެފައިވާ މާލީގޮންޖެހުންތައް ހައްލުކުރެވެން އަންނަނީ މިހިނގާ އަހަރެކޭ އެއްފަދައިން ދައުލަތުގެ ބަޖެޓުން މީޑިއާގެ ފަރާތްތަކަށް ސަބްސިޓީ ދީގެންކަމަށްވާތީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިޔާގެ ފަރާތްތަކަށް ސަބްސިޓީ ހިމަނައި ދެއްވުމެވެ." އެ ބަޔާނުގައިވެ އެވެ.