12 Mar 2014, 14:11
ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އެކަމާ ގުޅިގެން ޖުވެނައިލް ކޯޓަށް ހާޒިރުވާން ކޯޓު އަމުރެއް ނެރުމުން، ކޯޓަށް ހާޒިރުވާން އެ ކޮމިޝަންގެ މެމްބަރުން އުޒުރުވެރިވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު 1:30 އަށް އެ ކޯޓަށް ހާޒިރުވާން ހިއުމަންރައިޓްސް ކޮމިޝަންގެ ހުރިހާ މެމްބަރުންނަށް ކޯޓު އަމުރު ފޮނުވިނަމަވެސް މިއަދު ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް އެ ބޭފުޅުން ލިޔުމުން ކޯޓަށް އަންގާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ތިން ބޭފުޅަކު ހާޒިރުވެވަޑައިގެންފައި ނުވަނީ ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށެވެ. އަދި ދެންތިއްބެވި ދެ ބޭފުޅުން މިއަދު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު ކޯޓަށް ހާޒިރުވާން އުޒުރުވެރިވެފައިވާތީ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އެ ކޯޓަށް ހާޒިރުމަށް އަނެއްކާވެސް ކޯޓު އަމުރު ފޮނުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެ ކޮމިޝަނުން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ކޯޓުން ބަލާފައި ވަނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ކޯޓުން އެ މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާގޮތާ ޚިލާފަށް އެ ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް ދޭހަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ޕޮއިންޓުތަކަކީ ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާ ގޮތަށް ހިމަނާފައިވާ ޕޮއިންޓްތަކެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެކުރިން ދެ ފަހަރެއްގެމަތިން ޖުވެނައިލް ކޯޓުން ވަނީ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ކޯޓަށް ހާޒިރުވުމަށް ސިޓީއަކުން ދަންނަވާފަ އެވެ. ނަމަވެސް އެ ސިޓީއާ އެއްގޮތަށް ކޯޓަށް ހާޒިރުނުވިތާގައި ހާޒިރުނުވި ސަބަބެއްވެސް ކޯޓަށް އަންގާފައި ނުވެއެވެ.