Last Updated: 1 decade 2 year ago
އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ހަބީބުގެ ނަން މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮއްނުއްވެވީ ހަބީބުގެ އިތުރުން ކުރީގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ތޮލާލާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ ނަންފުޅެވެ.
އެ ބޭފުޅުން އިންޓަވިއުއަށް މަޖިލީހަށް ވަޑައިގަތުމަށް އެންގެވުމުން މަޖިލީހަށް ރޭ ވަޑައިގެންނެވީ ހަބީބާއި ތޮލާލެވެ. ތޮލާލުގެ އަނބިކަނބަލުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާތީ، ކޮމެޓިގައި ހިޔާލުތަފާތުވެ، އޭނާއަށް ލިބިވަޑައިގެންނެވީ 65 ޕަސެންޓް މާކްސް އެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ރައީސް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް ފާސް ކުރަން މިއަދު ބޭއްވި ޖަލްސާ ފެށީ ބައި ގަޑިއެއްހާއިރު ފަހުންނެވެ. ޖަލްސާ ފެށުން ލަސްވީ މަޖިލީހުގެ ސައުންޑް ސިސްޓަމުގައި މައްސަލަ ޖެހުމުންނެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އަންޔަން ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފޮނުއްވެވި ރިޕޯޓު ހުށަހަޅައި ބަހުސް ކުރުމަށް ބޭއްވި ޖަލްސާ ފެށީ 39 މެމްބަރުންނާ އެކު، 1:30 ގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މާސް ދެއްވާފައިވާ ގޮތުގެ ރިޕޯޓު މަޖިލީހަށް މިއަދު ހުށަހެޅުއްވީ ކޮމެޓީގެ ނައިބު މުގައްރިރު ރޮޒައިނާ އާދަމެވެ.