އޭއެފްސީ ކަޕްގައި އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި މެލޭޝިއާގެ ސެލަންގޯއާ ދެކޮޅަށް ކުޅުނު މެޗަކީ މާޒިޔާ އަށް މޮޅުވެވެން ޖެހޭނެ މެޗެއް ކަމަށާއި ގެއްލިގެން އެ ދިޔައީ މުހިންމު ދެ ޕޮއިންޓް ކަމުގައި މާޒިޔާގެ ކޯޗު އިސްމާއިލް މެހެފޫޒް (އިންމަ) ބުނެފި އެވެ.

އޭފްސީ ކަޕްގެ ގްރޫޕް އެފްގައި މާޒިޔާ އާއި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސެލަންގޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އިންމަ ބުނީ، ދެ ޕޮއިންޓް ގެއްލިގެން ދިޔައީ ކީ ޕްލޭޔަރުންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ކަމަށެވެ.

"ސެލަންގޯ ވަރުގަދަވިޔަސް މިއީ އެ ޓީމުގެ މައްޗަށް އަޅުގަނޑުމެންނަށް އަތް ގަދަ ކުރެވޭވަރުގެ މެޗެއް. އަޅުގަނޑުމެންގެ އަތުން ގެއްލިގެން މިދިޔަ ދެ ޕޮއިންޓަކީ ވަރަށް މުހިންމު ދެ ޕޮއިންޓް. އަޅުގަނޑުމެން ހަމަ ފުލް ޕޮއިންޓް ނަގައިގެން ނިންމާލެވޭނެ މެޗެއް މިއީ. މީގެ ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ކީ ޕްލޭޔަރުންނަށް ޕާފޯމްނުކުރެވުން،" އިންމަ ބުންޏެވެ.

އިންމަ ބުނީ ސެލަންގޯއިން ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިރު އޭގެ ފައިދާއެއް މާޒިޔާ އަށް ނުނެގުނު ކަމަށާއި އޭގެ ސަބަބަކީ އެޓޭކިންގް ކޮމްބިނޭޝަންގައި މައްސަލަތަކެއް ޖެހުމުން ކަމަށެވެ.

"ދިހަ މީހުންނާ އެކު އިދިކޮޅު ޓީމު ކުޅުމުގެ އެޑްވާންޓޭޖެއް އަޅުގަނޑުމެން ޓީމަކަށް ނުނެގުނު. އެއީ ޓޯޓަލީ އަޅުގަނޑުމެންގެ ގޭމް މި ބިލްޑްކުރަނީ މިޑްފީލްޑުން. ޕްލޭމޭކަރާއި އަޓޭކިން މިޑްފީލްޑަރު އަޅުގަނޑުމެންނަށް ބާލަންޖެހުމުން އެޓޭކިންގް ކޮމްބިނޭޝަންގެ މައްސަލަތަކެއް ޖެހުނު. އޭގެ ބަދަލުގައި އަޅުގަނޑުމެން އެތަނަށް އާ ދެ ކުޅުންތެރިން ލައިގެން މި ކުޅެންޖެހުނީ." އޭނާ ބުންޏެވެ.

މާޒިޔާގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ކުޅުމާއި ބެހޭގޮތުން އިންމަ ބުނީ، އަނިޔާވެގެން ފައިބަންދެން ބަކާ ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

"ބަކާގެ ޕާމޯމަންސް އަޅުގަނޑު ދަންނަވާނީ ހަމަ ރަނގަޅޭ. ބަކާ އިންޖަރީވެގެން ފައިބަން ޖެހެންދެން ރަނގަޅު ކުޅުމެއް ދެއްކި. އެންމެ މުހިންމު ވަގުތު އަޅުގަނޑުމެންގެ ކޮމްބިނޭޝަނެއް ބިލްޑް ކުރަން ބެލިއިރު، އެންމެ މުހިންމު މިޑްފީލްޑަރުންނެއް ޓީމަކު ނެތް. އަދި އަޅުގަނޑުމެންގެ ސައިޑުން ކުޅޭ ކުޅުންތެރިންގެ ފަރާތުން ތަންކޮޅެއް ދަށް ކުޅުމެއް ފެނިގެން މިދިޔައީ." އިންމަ ބުންޏެވެ.

އިއްޔެގެ މެޗަށް ސެލަންގޯ ނުކުތް އިރު އެ ޓީމަކީ މެލޭޝިއާގެ ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅެފަ މާޒިޔާއާ ދެކޮޅަށް ނުކުތް ޓީމެކެވެ. ނަމަވެސް ރާއްޖޭގެ ލީގު ލަސްވުމާއި ގުޅިގެން މާޒިޔާ އިން ކުޅުނު ހަމައެކަނި މެޗަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު އެކަންޏެވެ. ނަމަވެސް މި ކަމަކީ އުޒުރެއް ކަމަށް ނުބަލާ ކަމުގައި އިންމަ ބުނެފައި ވެއެވެ.

"އެމީހުން (ސެލަންގޯ) ވަރަށް ވަރުގަދަ މެޗުތަކެއް ކުޅެފަ އެއައީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ލީގެއް ނުފައްޓަ. އަޅުގަނޑުމެން އެއީ އުޒުރެއް ކަމަށް ބައިންދާކަށް ނޫޅެން. އަޅުގަނޑުމެންނަށް އެނގޭ ސެލަންގޯ ޓީމަކީ ވަރުގަދަ ޓީމެއްކަން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ދަނޑުގައި އެމީހުންނަށް އިދިކޮޅަކަށް ނުނުކުންނާނަން އެމީހުން އަތުން 4-0، 5-0 ކުން ބަލިވާކަށް. އަޅުގަނޑުމެންގެ އަމިއްލަ ދަނޑުގައި ކުޅޭއިރު އަޅުގަނޑުމެންގެ ގޭމް ޕްލޭނާއި އެއްޗެހި ތަފާތުވާނެ." އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް މާޒިޔާ ދަތުރުކުރަން ބޭނުންނަމަ، ކުރިއަށް ހުރި މެޗުތަކަކީ އެޓީމަށް މުހިންމު މެޗުތަކަކަށް ވާނެ އެވެ. މާޒިޔާ އަށް މިހާތަނަށް އެންމެ ޕޮއިންޓެއް ލިބިފައިވުމުން ހޯމްގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވާން ޖެހޭ ކަމަށް އިންމަ ގަބޫލުކުރެ އެވެ.

"މިދިޔަ އަހަރުގެ އޭއެފްސީ މުބާރާތުގައި ވެސް އަޅުގަނޑުމެން އަވޭގައި ޕޮއިންޓެއް ހޯދައިގެން ހޯމްގައި އެއް މެޗުން ބަލިވެފައި ވަނީ. އެގޮތުން އޭގެ އިދިކޮޅަށް މިފަހަރު މިއައީ. އަވޭގައި ފުރަތަމަ މެޗުން ބަލިވެފައި ހޯމްގައި ޕޮއިންޓެއް މި ހޯދީ. ދެން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ދެން އިންނަ ދެ މެޗުވެސް ހޯމްގައި މޮޅުވާން ޖެހޭނެ. އަދި އަވާގައި ވެސް މިހާރު އޮތް ގޮތުން އަޅުގަނޑުމެން ތިން ޕޮއިންޓް ނަގަން ޖެހޭނެ. އަޅުގަނޑުމެން ބުނާނީ ހޯމްގައި ކުޅޭ މެޗުތަކުން އަޅުގަނޑުމެންނަށް ގަދަ ވެވޭވެނެއޭ." އިންމަ ބުންޏެވެ.

އިއްޔެގެ ނަތީޖާއާއެކު މާޒިޔާ އަދިވެސް އޮތީ ގްރޫޕް އީގެ އެންމެ ފުލުގަ އެވެ. ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ވިއެޓްނާމްގެ ހެނޯއީ ޓީ އެންޑް ޓީ އެއް ވަނައިގައި އޮތްއިރު، ދެވަނާގައި އޮތް މެލޭޝިއާގެ ސެލަންގޯ އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެރީމާ އިންޑޮނޭޝިއާ އާއި ފުލުގައި އޮތް މާޒިޔާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.