12 Mar 2014, 12:47
ނިއުޒިލެންޑުގެ މިހާރުގެ ގައުމީ ދިދައިގެ ފަރުމާ ބަދަލުކުރުމަށް، އެގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާކަން ބޮޑުވަޒީރު ޖޯން ކެއި ހާމަކުރައްވައިފި އެވެ.
ބޮޑުވަޒީރު ޖޯން ކެއި ވިދާޅުވީ، އެގައުމުގެ ގައުމީ ދިދައިން މިހާރު ރަމްޒުވަނީ، އިނގިރޭސީންގެ އަޅުވެރި ކަމުގެ ދަށުގައި އެގައުމު އޮތް އިރުގެ މާޒީ ކަމަށާއި، މިހާރު އެދުވަސް ފާއިތުވެ އަމިއްލަ ވަންތަ، މިނިވަން ގައުމެއްކަން ގައުމީ ދިދައިން ދައްކުވައި ދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑު މި ހުށަހަޅަނީ، ޒަމާނީ ނިއުޒިލެންޑެއް އުފަންވެގެން އަންނައިރު، އަޅުގަނޑުމެން އެބަޖެހޭއޭ ކުރިއަށް އިތުރު ފިޔަވަޅެއް އަޅަން، އަޅުގަނޑުމެންގެ މިނިވަންކަން ގައުމީ ދިދައިން ވެސް ދައްކުވައި ދިނުމަށް،" ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ދިދައަށް ބަދަލު ގެންނަވަންޏާ އެކަން ކުރައްވާނޭ ކަމުގައި ވައުދުވެ ވަޑައިގަންނަވަމުން ކެއި ވިދާޅުވި އެވެ.
ނިއުޒިލެންޑް ހެރަލްޑްގައި ބުނެފައިވާ ގޮތުން، ރެފަރެންޑަމް ކުރިއަށް ގެންދާނޭ ގޮތާއި މެދު އެގައުމުގެ ޕާލިމެންޓުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. އަދި، އަލަށް ފަރުމާކުރެވޭ ގައުމީ ދިދައަކީ، ގައުމުގެ ހުރިހާ ރައްޔިތުންގެ ހިޔާލާވެސް އެއްގޮތަށް އެންމެންގެ ބައިވެރިވުން ލިބިގެން ފަރުމާކުރެވޭ ދިދައަކަށް ހެދުމަށް، އެކަން ކުރިއަށްދާ ގޮތް ބެލުމަށް، މިނިވަން ޖަމާއަތެއް އެކުލަވައިލެވޭނެ އެވެ.
ނިއުޒީލެންޑުގެ މިހާރުގެ ދިދައިގެ މަތީކަނުގައި އިނގިރޭސި ދިދަ ރަމްޒުކޮށްދޭއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ދިދަ، އޮސްޓްރޭލިޔާގެ ދިދައާ ވެސް ވަރަށް ބޮޑަށް ވައްތަރުވެފައި، އެ ދިދައިން ގައުމުގެ މިނިވަންކަން ފެނިގެން ނުދެއެވެ.
ބޮޑުވަޒީރު ޖޯން ކެއި ވިދާޅުވި ގޮތުގައި އެ ގައުމުގެ ކުޅިވަރު ޖަމިއްޔާތަކުން ބައިނަލްއަގްވާމީ ކުޅިވަރުތަކުގައި ގައުމު ތަމްސީލުކުރުމަށް ބޭނުންކުރާ "ސިލްވަ ފަރން" ފަތް ޖަހާފައިވާ "އޯލް ބްލެކްސް" ކަޅު ދިދައަކީ، ބަދަލުކުރަން ރަނގަޅު ފަރުމާ އެކެވެ.
ނިއުޒިލެންޑް ހެރަލްޑްގެ އޮންލައިން ވެބްސައިޓުގައި އަންގާރަ ދުވަހު ނެގި ޕޯލްއަކުން ދައްކާ ގޮތުގައި، އެގައުމުގެ 45 އިންސައްތަ މީހުން ބޭނުންވަނީ، މިހާރުވެސް ހުރި ދިދަ ބޭނުން ކުރުމަށެވެ. އަދި 35 އިންސައްތަ މީހުން ދިދަ ބަދަލުކުރުމަށް ތާއީދު ކުރާއިރު، 20 އިންސައްތަ މީހުން ބުނެފައިވަނީ، އެމީހުން ގޮތެއް ނިންމާނީ، ގައުމީ ދިދައިގެ އާ ފަރުމާ ފެނުމުން ކަމަށެވެ.