މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަންއިން އާންމު ކޮށްފި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަންއިން އާންމުކޮށްފައި ވަނީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަންއިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް އައޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުން ފެންނެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓަން ނިންމަފައިވާ މަރުކަޒުތަކުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ފެންނަން ހުންނާނެ ކަމަށް ވެސް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ކޮމިޝަންގެ ވެބްސައިޓުން ވޯޓް ދިނުމުގެ ހައްގު ލިބިގެންވަ މީހުންގެ ފައިނަލް ލިސްޓް ފެންނަން ހުންނާނެ ކަމަށް ވެސް ކޮމިޝަންގެ އިއުލަނުގައި ބުނެފައިވެއެވެ.

މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 302 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އަދި އިންތިހާބުގައި 240،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވެ އެވެ.