12 Mar 2014, 11:30
ފައިދިގު މަކުނުގެ އާއިލާގެ އެންމެ ނުރައްކާތެރި އަދި ވިހަގަދަ "ބްލެކް ވިޑޯ ސްޕައިޑާ" ތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އިން ފެނިއްޖެ އެވެ.
ބްލެކް ވިޑޯ ސްޕައިޑާތަކެއް ފެނިފައި ވަނީ އައިއެންއައިއޭގެ އިލެކްޓުރިކް އެންޑް އެއާކޮންޑިޝަން ޑިޕާޓްމަންޓްގެ ތެރެއިން އެވެ. އެތަނުން ފެނުނު ބްލެކް ވިޑޯ ސްޕައިޑާތަކަކީ އެ އާއިލާގެ ވިހަ ގަދަ ވައްތަރުތަކެކެވެ. ބްލެކް ވިޑޯ ސްޕައިޑާގެ ތެރެއިން ވިހަ ގަދަވަނީ އޭގެ އަންހެން ވައްތަރެވެ.
އައިއެންއައިއޭގައި މަސައްކަތް ކުރާ މުއައްޒަފަކު "ސަން"އަށް ބުނީ ބްލެކް ވިޑޯ ސްޕައިޑާއެއް އެތަނުން ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެއީ ބްލެކް ވިޑޯގެ ސްޕައިޑާގެ ވިހަ ގަދަ ވައްތަރުގެ އެއްޗެއް ކަން އެނގުމުން "އޭތި ހިފައި ފުޅިއަކަށް ލައިފައިވާ" ކަމަށް އޭނާ ބުންޏެވެ.
"ރޭ ފެނުނީ، ފެނުންތަނާ މަށަށް އެގުނު ބުލެކް ވިޑޯއެއްކަން، ދެން މަ އޭތި ފުޅިއަކަށް ލައިފައި ބެއިންދީ، މިއަދު ހެނދުނު ބެލި އިރު އެބަހުރި ބައިވަރު ބިސް އަޅާފާއި،" އޭނާ ކިޔައިދިނެވެ.
ނުރައްކާތެރި ސުޕައިޑާ އަދިވެސް އޮތީ އޭނާ އަތުގައި ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ސަންއަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބްލެކް ވިޑޯ ސްޕައިޑާތަކެއް މިއަދު ހެނދުނު ވެސް އެއާޕޯޓުގެ ތެރެއިން ވަނީ ފެނިފަ އެވެ.
ބްލެކް ވިޑޯ ސްޕައިޑާތަކެއް އެއާޕޯޓުން ފެނިފައިވާއިރު، 2006 ވަނަ އަހަރު ވެސް އެފަދަ އެއްޗެހިތަކެއް އެއާޕޯޓުގައި އާލާވުމުން، އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ފޮގުކޮށް، އެތަކެތި ނައްތާލި އެވެ.
ބްލެކް ވިޑޯ ސްޕައިޑާ ހަފަނީ، އަތްލުމުން ނުވަތަ ޖިސްމާނީ އުނދަގުލެއް ކުރުމުންނެވެ. އެފަދަ ސުޕައިޑާ ހަފައިގެން ފުރާނަ އަށް ނުރައްކާވާ ހާލަތަށްދެ އެވެ.
ސަހަރާ ތެރޭގައި އުޅޭ ނާގަ ހަރުފައަށް ވުރެ ބްލެކް ވިޑޯ ސްޕައިޓާގެ ވިހަގަދަ ކަން 15 ގުނަ އިތުރެވެ.