ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށް ނުކުންނަން ޖެހުނަސް އެތުލެޓިކޯ މެޑްރިޑަށް ބަޔާން ސިއްސުވާލެވިދާނެ ކަމުގައި އެތިލެޓިކޯގެ ބެލްޖިއަމް ގޯލްކީޕަރު ތިބޯޓް ކޯޓްއޮއިސް ބުނެފި އެވެ.

ލޯނުގެ ދަށުން ޗެލްސީ އިން އެތުލެޓިކޯ އަށް ކުޅެމުންދާ އެ ޓީމުގެ އެއް ނަންބަރު ކީޕަރު ކޯޓްއޮއިސް ވަނީ ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާން އަތުން އެތުލެޓިކޯ މޮޅުކޮށް ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރޭ މިލާނު އަތުން 4-1 ލަނޑުން (5-1 ލަނޑުގެ އެގްރިގޭޓް) އެތުލެޓިކޯ މޮޅުވުމުން އެ ޓީމު ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ.

އެތުލެޓިކޯ އަށް ކުއާޓާގައި ކޮންމެ ބަޔަކާއި ކުޅެން ޖެހުނަސް މޮޅުވެވޭނެ ފެންވަރު އެޓީމުގައި ހުރި ކަމަށް ކޯޓްއޮއިސް ގަބޫލުކުރެ އެވެ.

"މިހާރު ބަޔާން އަކީ ވަރަށް ވަރުގަދަ ޓީމެއް، އެމީހުން ޖަރުމަނުގައި ހުރިހާ ކާމިޔާބެއް ހޯދަމުން އެދަނީ. ނަމަވެސް އަހަރެމެންނަށް ކޮންމެ ޓީމަކާއި ދެކޮޅަށް ވެސް ކުޅެވިދާނެ. ކުރިއަށް ގިނަ މެޗުތަކެއް އެބަހުރި، ނަމަވެސް އަހަރެންގެ އުންމީދުކުރަނީ އެތުލެޓިކޯ އަށް ސެމީ އަށް ދަތުރުކުރާނެ ކަމަށް." ކޯޓްއޯއިސް ބުންޏެވެ.

މި ސީޒަނުގައި ކޯޓްއޮއިސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެތުލެޓިކޯގެ ސިޓީ ވާދަވެރިން ކަމަށްވާ ރެއާލް މެޑްރިޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.