ރޭ އަމީނީ މަގުގައި ދެ ސައިކަލާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 36 އަހަރުގެ މީހާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.


އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތެއް ކަމުގައިވާ އުމުރުން 36 އަހަރުގެ ހުސައިން ސާމީގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ލިބުނު އަނިޔާގެ ތަފްސީލު އެނގޭނީ މިއަދު ސީޓީ ސްކޭން ހެދުމުން ކަމަށެވެ.


އައިޖީއެމްއެޗްގެ އޮފިޝަލަކު ރޭ ވިދާޅުވެފައިވަނީ، ސާމީ އަށް އެއްވެސް ކަމެއް ހަނދާން ނެތް ކަމަށެވެ.


ސާމީގެ ބޮލަށް އަނިޔާ ލިބިފައި ވަނީ، އެކްސިޑެންޓުވިއިރު ވިއްސައިގެން ގޮސް ކާރެއްގެ ބިއްލޫރިގަނޑުގައި ޖެހި އެވެ. އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ނިއްކުރިއަށެވެ. އޭނާގެ ނިތްކުރި ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް މައުލޫމާތު ލިބެ އެވެ.


ސާމީ އަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އެ އެކްސިޑެންޓުގައި ސީރިއަށް ޒަޚަމްތަކެއް ލިބުނު ބ. ކުޑަރިކިލު އިސްމާއިލް މުންޒިލް،20، އަށް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ނެވެ. އޭނާގެ ބޮލުން ތިން އިންޗިހާ ތަން ފަޅައިގެން ގޮސްފައިވާއިރު ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވެ އެވެ. ނަމަވެސް އޭނާގެ ހާލު މިހާރު ސީރިއަސް ނޫން ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.


ރޭ 8:30 އެހާކަށްހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ އަމީނީމަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް، ކާރެއްގެ ކުރިއަށް އަރަން އޯވަޓޭކް ކުރަން އުޅުނު ވަގުތު އަމީނީމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލަކާއި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ދެ ޒުވާނުންނަށެވެ.


މި އެކްސިޑެންޓްގައި ދެ ސައިކަލަށާއި ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.