12 Mar 2014, 10:32
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ އާސެނަލް އިން ބަޔާން މިއުނިކް ހިފެހެއްޓި ނަމަވެސް ބަޔާން ކުއާޓާ އަށް ދަތުރުކުރީ 3-1 ލަނޑުގެ އެގްރިގޭޓަކުންނެވެ. ދެވަނަ ލެގުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައި އެތުލެޓިކޯ އިން ކުއާޓާ އަށް ދަތުރުކުރީ 5-1 ލަނޑުގެ އެގްރިގޭޓަކުންނެވެ.
ބަޔާންގެ އާލިއަންޒް އެ ރީނާ ސްޓޭޑިއަމްގައި ރޭ އާސެނަލް އާއި ބަޔާން ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެގޮތުން ބަޔާންގެ އާޔެން ރޮބެން އަދި އާސެނަލްގެ އޮލިވާ ގިރޯޑް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަޔާން އިންނެވެ. ބަޔާން އަށް މިލަނޑު ކާމިޔާބު ކޮށްދިނީ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓެއިގާ އެވެ. ނަމަވެސް އެ ލަނޑާ އެކު އާސެނަލްގެ ކުޅުން ވަރުގަދަކޮށް ތިން މިނެޓް ފަހުން ނަތީޖާ ހަމަހަމަ ކުރި އެވެ. އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޮލްސްކީ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތު ތެރޭގައި ބަޔާން އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް، އާސެނަލްގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ ބަޔާންގެ ޖަރުމަން މިޑްފީލްޑަރު ތޯމަސް މުލާ ފޮނުވާލި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެ، ބަޔާން އަށް ހިނުތުންވުން ލިބިގެންނެވެ.
ކުއާޓާ އަށް އެތުލެޓިކޯ ދަތުރުކުރީ އަމިއްލަ ދަނޑުގައި 4-1 ލަނޑުން މިލާން ބަލިކުރުމަށް ފަހު އެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި މިލާނަށް ކަކާ އެއްވަރުކޮށްދިން ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ތުރުކީ މިޑްފީލްޑަރު އާޑާ ޓޫރަން ވަނީ އެތުލެޓިކޯ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އެތުލެޓިކޯގެ ތިން ވަނަ ލަނޑު ސްޕެއިން މިޑްފީލްޑަރު ރައުލް ގާސިއާ ކާމިޔާބުކޮށްދިން އިރު، ހަތަރު ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވަފައި ވަނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޮސްޓާ އެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގެ ދެމެޗެއް މިރޭ ވެސް ކުރިއަށް ދާނެ އެވެ. ބާސެލޯނާ އިން އަމިއްލަ ދަނޑުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ނުކުންނަ އިރު، ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އިން އަމިއްލަ ދަނޑުގައި ނުކުންނާނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:45 ގަ އެވެ.