އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް، އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ހަބީބު، އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ރޭ ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ނިންމާފައި މިވަނީ އެ ކޮމިޝަނުގެ ކުރީގެ މެންބަރު އޮގަރު އިބްރާހީމް ވަހީދު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އޮފީހުން ރައްޔިތުން މަޖިލީހުގެ ކޮމެޓީ އަށް ފޮނުވާފައި ވަނީ ހަބީބުގެ ނަންފުޅުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ތޮލާލުގެ ނަންފުޅާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ ނަންފުޅެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ނައިބު މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ރޭ އެ ކޮމެޓީގައި ބޭއްވި ބައްދަލުވުމަށް ރިޝްވާން ހާޒިރުވެވަޑައިގެންފައިނުވާ ކަމަށާއި އޭނާ ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އަދި ތޮލާލުގެ ނަންފުޅު ފާސްކުރުމަށް ކޮމެޓީން ފާސްކޮށްފައިނުވަނީ އޭނާ އަށް ލިބިވަޑައިގެންނެވި މާކްސް މަދުވުމުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

"ތޮލާލުގެ އަނބިކަނބަލުން ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާ އަށް ކުރިމަތިލައްވައިގެން އުޅުއްވާ، އެހެންކަމުން ކޮމިޝަނުގެ މެންބަރަކަށް ތޮލާ އައްޔަން ކުރައްވައިފި ނަމަ ކޮމިޝަނުގައި މަރަދޫ ދާއިރާގެ މައްސަލައެއްގައި ގޮތެއް ނިންމަން ޖެހޭ ހިނދު ފުށުއެރުންތައް އަރާނެ އޭނާ އެ ކޮމިޝަނުގައި އިންނަވައިފި ނަމަ، އެފަދަ ކަން ކަމަށް ރިއާޔަތްކުރި އިރު ތޮލާއަށް އައްޔަން ނުކުރުމަށް ނިންމީ، " ރޮޒައިނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި އެކޮމިޝަނުގެ ނައިބު އަހްމަދު ފަޔާޒް ހަސަން ސުޕްރީމް ކޯޓުން ވަކިކޮށްފައިވާ އިރު އެ ދެ މެންބަރުންގެ ބަދަލުގައި މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ނުކުރާނެ ކަމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ވަނީ ބުނެފަ އެވެ.

އެކޮމެޓީގެ ނައިބު މުގައްރިރު ރޮޒައިނާ ވިދާޅުވީ ފުއާދު އާއި ފަޔާޒް ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކައުންސިލަރު ޖެނަރަލްގެ ލަފާ ދެއްވާފައި ވާތީ އެކޮމިޝަނަށް އޭގެ ބަދަލުގައި އެހެން މެންބަރުން އައްޔަން ނުކުރާނެ ކަމަށެވެ.