12 Mar 2014, 09:41
ހދ. ކުރިނބީ ސްކޫލްގެ ސްޓާފް ރޫމަށް ނަޖިސް (ބޮޑުކަމުދާ ތަކެތި) ޖަހައިފި އެވެ.
ކުރިނބީގައި ހުންނަ ސަންގެ މޮނީޓާ އަލީ ވިސާމް މިއަދު ބުނީ އެރަށު ސްކޫލްގެ ސްޓާފް ރޫމަށް ނަޖިސް ޖަހާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ "ޕެޓީ" ކޮތަޅުތަކަކަށް އެޅުމަށް ފަހު ކަމަށް ބުންޏެވެ.
"ސްޓާފް ރޫމްގެ ބޭރު ދޮރުން އެތެރެ އަށް ޖަހަން އުޅެފައި ހުރީ، ދެ ކުޑަދޮރަކާ ދިމާލުން ނަޖިސްޖަހާފައިވާ އިރު ނަޖިސްތަކުން އެދިމާލުގައި ހުރި ޑެސްކްތަކުގަޔާއި ފާރާއި ދޮރުފަތްތަކުގެ އިތުރުން މުށިތަކުގައި ވަނީ ނަޖިސްވެފައި،" ވިސާމް ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެކަމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންނާއި ސްކޫލްގެ އިސްވެރިން މިހާރު ބައްދަލުކުރަމުން ދާ ކަމަށެވެ.
އެކަމާ ގުޅިގެން ސްކޫލްގެ ވެރިއެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށައަޅާފަ އެވެ. ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ވިސާމް އިތުރަށް ބުނީ އެ ރަށު ސްކޫލް އާ ގުޅިގެން ރަށު ތެރޭގައި މި ދުވަސްވަރު މައްސަލަތަކެއް ފެންމަތި ވެފައި ނުވާ ކަމަށެވެ.