12 Mar 2014, 09:18
"ވައިލްޑް ލައިފް" ޖަނާވާރުތައް ރާއްޖެ އިން ފެންނަލެއް އިތުރުވަމުން ދާތީ އެފަދަ ތަކެތި އެތެރެކުރޭތޯ ޗެކް ކުރުމުގައި ވަރަށް ބޮޑަށް މިހާރު ބަލަން ފަށާފައިވާ ކަމަށް ކަސްޓަމުސް އިން ބުނެފި އެވެ.
ސީނިއާ ސުޕުރިޑެންޓް އަހުމަދު ނިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާ ޗެކް ކުރުމުގައި އަބަދުވެސް ކަސްޓަމުސް އިން ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް "ވައިލްޑް ލައިފް" ޖަނަވާރުތައް އިތުރުވާތީ އެފަދަ ތަކެތި އެތެރެ ކުރޭތޯ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ޗެކް ކުރުމުގައި ވަރަށް ރަނގަޅު އުސޫލްތަކެއް މިއޮންނަނީ، ނަމަވެސް ފަހަކަށް އައިސް އެފަދަ ޖަނަވާރުތައް ފެންނަމުންދާތީ އިތުރަށް އެބަ ފިޔަވަޅުތައް އަޅަން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑަށް ބެލެވެނީ އެފަދަ ތަކެތި އެތެރެ ކުރަނީ "ބިސް" ކަނޑުމަގުން ކަމަށެވެ. އިތުރު ސްކުރީންތަކެއް ހަދައި މިހާރު ވަރަށް ރަނގަޅަށް ބަލަން ފަށާފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ބައެއް އަމިއްލަ ބަނދަރުތަކަށް ވެސް ތުހުމަތުތައް ކުރެވޭ ތަކެތި އެތެރެކުރާކަމުގެ، އަޅުގަނޑުމެން މިހާރު މިވަނީ ހާއްސަ ސަމާލުކަމެއް ދީފައި އެފަދަ ތަކެތި ހޯދުމަށް." ނިޔާޒް ވިދާޅުވި އެވެ.
ފަހަކަށް އައިސް އެފަދަ ޖަނަވާރުތައް ފެނުން އާންމެވެ. ރޭގައި މާލޭ މަގުމަތިން ބޮޑު ހަރުފައެއް ފެނިފައިވެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މ. ޒިލިއަންގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރާއްޖެއަށް އެތެރެކުރުން މުޅިން މަނާ ބާވަތެއްގެ ޖަނަވާރެއް ކަމުގައިވާ "ސްލޯ ލޮރިސް"އެއް ވަނީ ފެނިފަ އެވެ. އެ ޖަނަވާރަކީ ދުނިޔެ އިން ނެތިގެން ހިނގާދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ. އެއަށް ފަހު އަނެއްކާ ވެސް މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކ. މާފުށިން ވެސް ވަނީ "ޕައިތަން އާއިލާ"ގެ ރޯޔަލް ޕައިތަން ނުވަތަ ބޯލް ޕައިތަން ނަމަކަށް ކިޔާ ހަރުފައެއް އަތުލައިގެންފަ އެވެ.