12 Mar 2014, 00:11
މިދިޔަ ހޮނިހިރު ދުވަހު، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު (ކޭއެލް) އިން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ، މެލޭޝިއާ އެއާލައިންސްގެ އެމްއެޗް-370 ނަންބަރު ފްލައިޓް ގެއްލުމުގެ ކުރިން، މިސްރާބު ބަދަލުކޮށްފައިވާ ކަމަށް މެލޭޝިޔާގެ އެއާ ފޯސްއިން ބުނެފި އެވެ.
މެލޭޝިޔާގެ އެއާފޯސް އިން ބުނިކަމަށް، ބީބީސީގައި ބުނެފައިވަނީ، މިލިޓަރީ ރާޑަރުތަކުން ދައްކާ ގޮތުގައި، އެމްއެޗް-370 ފްލައިޓް ކޭއެލް އިން ފުރުމަށްފަހު، އެ ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ މިސްރާބުން ވީއްލި، ހުޅަނގަށް ދަތުރުކޮށްފައިވާ ކަމަށެވެ.
މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ކުރިން ބުނެފައިވާ ގޮތުގައި، ބޯޓު ގެއްލިފައިވަނީ، ކޭއެލް އިން ފުރިތާ ގަޑިއެއްހާއިރު ފަހުންނެވެ. އަދި އޭރު އެ ފްލައިޓު ދުއްވަމުން ދިޔައީ، ދެކުނު ޗައިނާ ކަނޑުގެ މަތިން، ވިއެޓްނާމްގެ ދެކުނުން ކަމަށެވެ.
ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 239 މީހުންގޮވައިގެން، ބޯޓުގެ މިސްރާބު ބަދަލު ކުރުމަށްފަހު، ވީނުވީއެއް ނޭނގި ގެއްލުމުގެ ކުރިން، މެލޭޝިޔާގެ ހުޅަނގުގައި އޮންނަ މަލާކާއާ ހަމައަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކާ ހަވާލާދީ ބީބީސީގައިވެ އެވެ.
ބޯޓު ގެއްލުނުފަހުން، ހަބަރެއް ނުވެ، ހަތަރު ދުވަސް ފާއިތުވެފައި ވާއިރު، ބައިނަލްއަގްވާމީ ރެސްކިއު ޓީމުތައް ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ވަނީ، ކުރިއަށް ވުރެވެސް ބޮޑަށް ފުޅާކޮށްފަ އެވެ.
އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ވަގު ޕާސްޕޯޓެއްގައި ދަތުރުކުރި، ދެ މީހަކު ހިމެނޭއިރު އެ ދެމީހުންނަކީ، އީރާނުގެ ދެމީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ ދެމީހުންނާ ޓެރަރިސްޓު އެއްވެސް ޖަމާއަތަކާ ގުޅުމެއް އޮތްކަން އެނގިފައި ނުވާކަން ހާމަކޮށް، ބައިނަލްއަގްވާމީ ފުލުހުންގެ ޖަމާއަތް (އިންޓަޕޯލް)ގެ ތެހެރާނު ބިއުރޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ދެމީހުންނަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް ބައެއް ނޫނެވެ. އެ ދެމީހުން އީރާނުން ފުރާފައިވަނީ، ގަވާއިދާ އެއްގޮތަށް ކަމަށާއި އަދި ބެލެވޭ ގޮތުގައި އޭގެ ތެރެއިން އެކަކީ، ޖަރުމަނަށް ހިޖުރަކުރަން މަސައްކަތްކުރި މީހެއް ކަމަށް ވެސް އިންޓަޕޯލް އިން ބުނެފައިވެ އެވެ.
މެލޭޝިޔާ އެއާލައިންގެ ބޯޓު ގެއްލުނު ހާދިސާއާ ގުޅިގެން ތަފާތު ސުވާލުތައް އުފެދިފައިވާއިރު، އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން ވިދާޅުވީ، އެހާދިސާއާ ޓެރަރިސްޓު ވިއުގައަކާ ގުޅުމެއް އޮތްކަން މިހާތަނަށް އެނގިފައި ނުވި ނަމަވެސް، އެފަދަ ބަޔަކާ ގުޅުމެއް ނެތްކަމަށް އަދި މުޅިން ނިންމުމުގެ ޖާގަ ނެއްކަމަށެވެ.
"ގެއްލުނު ފްލައިޓާ ބެހޭގޮތުން އެއްވެސް ބަޔަކު އަދި މިހާތަނަށް، އެކަމުގެ ޒިންމާ ނަގާފައެއް ނުވޭ، އަދި އެފަދަ ތުހުމަތެއްވެސް ކުރެވިފައެއް ނެތް،" ބްރެނަން ވިދާޅުވި އެވެ. "ވަރަށް ސާފުކޮށް އެނގޭ ކަމަކީ، މިހާދިސާގެ ފަހަތުގައި ފޮރުވިފައިވާ ގޮތް ނޭނގޭ އެތައްކަމެއް ވާކަން."
އެމްއެޗް-370 ބޯޓުގައި 239 މީހުންގެ ތެރޭގައި، ތުއްތު ދެ ކުދިންނާއި 227 ފަސިންޖަރުން އަދި 12 ފަޅުވެރިން ހިމެނެ އެވެ. ފަސިންޖަރުންގެ ތެރޭގައި 13 ގައުމެއްގެ މީހުން ހިމެނޭއިރު މީގެތެރޭގައި ޗައިނާގެ 160 މީހުން ހިމެނޭކަމަށް ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނެ އެވެ.
މެލޭޝިޔާގެ ސިވިލް އޭވިއޭޝަން ޑިޕާޓުމަންޓުން ބުނީ، ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތުގައި ނުވަ ގައުމަކުން 40 ކަނޑުގެ އުޅަނދާއި، 34 އެއާކްރާފްޓް ހަރަކާތްތެރިވަމުންދާއިރު އަދި މިހާތަނަށްއެ ބޯޓުގެ އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށެވެ. ރެސްކިއު އޮޕަރޭޝަންގައި އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިޔާގެ ޓީމުތައް ހިމެނެ އެވެ.