11 Mar 2014, 21:39
ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެން ޑިރެކްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވެފައި ވާކަމަށް ކެޕިޓަލް މާކެޓް ޑިވެކޮލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ބުނެފި އެވެ.
ސީއެމްޑީއޭއިން ބުނީ، 2016 ވަނަ އަހަރުގެ ނިޔަލަށް އެއޮތޯރިޓީގައި ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބަވާ ޑިރެކްޓަރުންގެ 30 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް ލާޒިމްކޮށް، ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނެސްފައިވާ އިސްލާހުތަކަށް ތާއީދު ކުރާކަމަށާއި 30 ޕަސެންޓު ޓާގެޓަސް ވާސިލުވުމަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށް ސީއެމްޑީއޭގެ ސީއީއޯއާއި އެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި މަޝްވަރާތަކެއްގައި ވިދާޅުވެފައިވާ ކަމަށެވެ.
ޑިރެކްޓަރުން ތަމްރީނުކުރުމަށާއި، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން ހޭލުންތެރިކުރުވު މިހާތަނަށް ހިންގާފައިވާ ތަމްރީން ޕްރޮގްރާމްތަކަށް ބަލާއިރު، ޕްރޮގްރާމުގެ ބައިވެރިންގެ 24 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް ސީއެމްޑީއޭއިން ބުންޏެވެ. އެހެން ކަމުން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެވޭފަދަ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅުން ރާއްޖޭގައި ނިސްބަތުން ގިނަ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ސީއެމްޑިއޭއިން އިތުރަށް ބުނީ، ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަންހެނުންނަށް އަމާޒުކޮށްގެން، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން ކުރިއަށް އޮތްތަނުގައިވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ނިންމަވާފައިވާ ކަމަށެވެ.