21 Dec 2010, 06:16
އިންޓަރނޭޝަނަލް މެރިޓައިމް ބިއުރޯ ނުވަތަ އައިއެމްބީން ހާމަކުރާގޮތުގައި ދުނިޔޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ތެރެއިން ފޭރޭ މީހުންގެ ނުރައްކާތެރިކަން އެންމެ ބޮޑު ސަރަޙައްދަކީ ސޯމާލިޔާގެ އައްސޭރީގެ ސަރަޙައްދެވެ. މި ސަރަޙައްދަކީ ހޯރން އޮފް އެފްރިކާގެ ނަމުން މަޝްހޫރުވެފައިވާ، އެތައް މޭލަކަށް ދެމިގެންދާ ބިޔަ ސަރަޙައްދެކެވެ. މުޅި މި ސަރަޙައްދުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ އުޅަނދުފަހަރު ޙަރަކާތްތެރިވެއެވެ. އައިއެމްބީން ބުނާގޮތުގައި ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެ ސަރަހައްދުގައި އަބަދުވެސް ހިނގައެވެ. އަދި މުދާ ނުވަތަ މީހުން އަރުވައިގެން އެ ހިސާބުގަނޑުން ދަތުރުކުރާ އުޅަނދުފަހަރުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފޭރޭ މީހުންގެ ޙަމަލަތައް ކުރިމަތިވެއެވެ. މިގޮތުން އެބައިމީހުން ހިފަހައްޓާ އުޅަނދުފަހަރުތަކާއި، އެ އުޅަނދުފަހަރުތަކުގައި ތިބޭ މީހުންނާއި، އެ އުޅަނދުފަހަރުތަކުގައި ހުންނަ މުދަލުގެ ބަދަލުގައި ބޮޑެތި ޢަދަދުތަކުގެ ފައިސާ އެމީހުންނަށް ދޭން ޖެހެއެވެ. މި ޢަދަދުތައް ބައެއް ފަހަރު ވިއްސަކަށް ފަންސަވީހަކަށް މިލިއަން ޑޮލަރަށް ވެސް އަރައިގެން ދެއެވެ.
ސޯމާލިޔާގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ކަނޑުފޭރޭ މީހުންގެ އުޅަނދުތައް ބައެއް ފަހަރު ބެހިގެން ދުރު ހިސާބުތަކަށްވެސް ގޮސްފައި ވެއެވެ. އެގޮތުން ދިވެހި ރާއްޖޭގެ ސަރަޙައްދަށްވެސް އޭގެ ތެރެއިން އުޅަނދުތަކެއް ކަމަށް ބެލެވޭ އުޅަނދުތަކެއް ދާދި ފަހުން ވަނީ އެތެރެވެފައެވެ. މި ހިސާބަށް ކަންތައް ގޮސްފައިވާއިރު ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އިދާރާތަކާއި ކަނޑުމަގުން މުދަލާއި ޕެސެންޖަރުން އުފުލާ ފަރާތްތައް އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ މައްސަލަކަމަށް މިހާރު ވަނީ ވެފައެވެ.
ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވަނީ ގަލްފް އޮފް އަދަނުގެ ތެރެއިން ދަތުރުކުރާ އުޅަނދުފަހަރަށެވެ. މިއީ ސޯމާލިޔާގެ އައްސޭރިއާ ދާދި ކައިރީގައި އޮންނަ ކަނޑުމަގެކެވެ. ޔޫރަޕާއި އެފްރިކާގެ ވަރަށް ގިނަ ޤައުމުތަކަކުން މެދުއިރުމައްޗަށާއި އޭޝިޔާއަށް ކަނޑުމަގުން ދަތުރުކުރާ އުޅަނދުފަހަރުތައް ދަތުރުކުރާ މަގަކީ މިއެވެ. އެހެންކަމުން މި މަގުން ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ޑޮލަރެއްގެ މުދާ ދެކޮޅަށް އުފުލެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދަކަށް ތެޔޮވެސް ހިމެނެއެވެ. މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތަށްޓަކައި މިހާރުވެސް އެ ހިސާބުގަނޑުގައި ބައިނަލްއަޤުވާމީ ޢަސްކަރީ ފްލީޓެއް ޙަރަކާތްތެރިވެއެވެ. މި ފްލީޓުގެ ސަބަބުން ކަނޑުފޭރޭ މީހުންގެ ނުރައްކާ ވަރަށް ބޮޑަށް މައިތިރިކުރެވުނު ނަމަވެސް، އެ ނުރައްކާ މުޅިއަކުން ނެއްތައެއް ނުލެވެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން އެމީހުން ކޮންމެވެސް އުޅަނދެއް އަތުލައިގަނެ، އެ އުޅަނދާއި މުދަލާއި މީހުންގެ ބަދަލުގައި ފައިސާގެ ބޮޑެތި ޢަދަދުތައް ހޯދައެވެ.
ސޯމާލީ ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން ބޮޑުވެގެންދާ އެއް ސަބަބަކީ އެމީހުންގެ އަތުގައި އެންމެ މި ޒަމާނުގެ ހަތިޔާރު ހުރުމެވެ. ސޯމާލިޔާގެ ދާޚިލީ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ސަބަބުން ވަގަށް ހަތިޔާރު ހޯދައި ގެންގުޅުމަކީ އެ ޤައުމުގައި ޢާއްމު ކަމެކެވެ. އެހެންކަމުން ނުރައްކާތެރި ހަތިޔާރު ހޯދުމަކީ އެ ޤައުމުގެ ފޭރޭ މީހުންނަށްވެސް އުނދަގޫ ކަމަކަށް ނުވެއެވެ. އެމީހުން ކަނޑުފޭރުމުގެ މަސައްކަތަށް ނިކުންނަނީ ބަޑިއާއި ބޮމުގެ އިތުރުން އާރްޕީޖީ ފަދަ ވަރުގަދަ ހަތިޔާރު ހިފައިގެންނެވެ. އެމީހުން ބޭނުންކުރަނީ ދިހަ ވަރަކަށް މީހުންގެ ޖާގަ ހުންނަ ސްޕީޑް ބޯޓުފަހަރެވެ. މި ބޯޓުތަކަކީ ޢާއްމުގޮތެއްގައި މުދާ އަރުވައިގެން ދުއްވާ ބޮޑެތި ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކަށްވުރެ ބާރަށް ދުވާ ބޯޓުފަހަރެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގައި އެމީހުން މި ބޯޓުތަކުގައި އައިސް ދަތުރުވެރި އުޅަނދުފަހަރުތަކަށް ޙަމަލާދީ، އެ އުޅަނދުފަހަރަށް އަރައި ހައިޖެކްކުރަނީއެވެ.
މި ގޮތުން ހަރަކާތްތެރިވާ ކަނޑުފޭރޭ މީހުންގެ ގްރޫޕުތަކުގެ ތެރެއިން ގިނަ ގުރޫޕުތަކުގެ މީހުން އަހަރަކު ފަސްލައްކައާއި ދެ މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފޭރުމުގެ ޒަރީޢާއިން ފައިސާ ހޯދައެވެ. މިއީ އެ ސަރަޙައްދުގައި ގިނަ މީހުންނަށް ކުރެވެން އޮންނަ މަސައްކަތް ކަމުގައިވާ މަސްވެރިކަމުން ލިބޭ އާމުދަނީއަށްވުރެ އެތައް ގުނައެއް އިތުރު ޢަދަދެކެވެ. އެހެންކަމުން ސޯމާލިޔާގެ އިރުމަތީ އައްސޭރީގެ ސަރަޙައްދުގައި އޮންނަ ޕުންޓްލޭންޑް ފަދަ ހިސާބުތަކުގައި އުޅޭ މީހުންގެ ތެރެއިން އެންމެ ތަނަވަސްކޮށް އުޅޭ އެއް ބަޔަކީ ކަނޑުފޭރޭ މީހުންނެވެ. އެމީހުން ކައިވަނިކުރަނީ ރީތި އަންހެންކުދީންނާއެވެ. ދުއްވައި އުޅެނީ އަގުބޮޑު ރީތި ކާރުތަކެވެ. އެމީހުންގެ ގެދޮރު ބިނާކުރެވިފައި ހުންނަނީ އެ ހިސާބުގަނޑުގެ ޢާއްމުންގެ ގެދޮރާ އަޅާ ބަލާއިރު އެތައް ގުނައެއް ރީތިކޮށް ފުރިހަމަކޮށެވެ. އެމީހުންގެ މުއައްޒިފުންގެ ގޮތުގައި އެކައުންޓެންޓުންނާއި ކާތިބުން ތިބެއެވެ. އެމީހުން އެ ސަރަޙައްދުގެ ވިޔަފާރިވެރީންނަށް ދަރަންޏަށް ފައިސާދެއެވެ. ކުރުގޮތަކަށް ދަންނަވަންޏާ ޕުންޓްލޭންޑް ފަދަ ސަރަޙައްދުތަކުގެ އިޤްތިޞާދުގައި އެންމެ ބާރުގަދަ ބަޔަކީ ކަނޑުފޭރޭ މީހުންނެވެ. އެ ސަރަޙައްދުގައި ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެނެވޭ އުޅަނދުފަހަރުތަކުގެ ފަޅުވެރީންނާއި އެ އުޅަނދުފަހަރުތަކުން އަތުލައިގަނެވޭ ދަތުރުވެރީންގެ ކަންތައްތަކަށް ޚާއްސަ އަވަށްތައްވެސް ހުރެއެވެ. މި އަވަށްތަކުގައި އެތައް ބަޔަކު ކުރާ މަސައްކަތަކީ ކަނޑުފޭރޭމީހުންގެ އަތްދަށުގައި ތިބޭ މީހުންގެ ކަންތައްތައް މުސާރަ ލިބޭ ގޮތަށް ކުރުމެވެ.
ކަނޑުފޭރޭ މީހުންގެ މުޖުތަމަޢުތައް ގާއިމުވެފައި އޮންނަ ގޮތުން އޭގެ ތެރެއިން އެއް ޖަމާޢަތެއްގެ މީހުން އެހެން ޖަމާޢަތްތަކަށް މަދަދުވެރިވެ ވާގިވެރިވެސް ވެއެވެ. އެކަން ފެނިގެންދިޔަ އެންމެ މަޝްހޫރު އެއް ޙާދިސާއަކީ 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގެ ބޯޓެއް ކަމަށްވާ މާރސްކް އަލަބާމާއަށް ޙަމަލަދޭން އުޅުނު ފޭރޭ މީހުންގެ ޖަމާޢަތުގައި ތިބި މީހުން އެމެރިކާ ސިފައިންގެ ޙަމަލައެއްގައި މަރުވި ޙާދިސާއެވެ. މި ޙާދިސާއާ ގުޅިގެން ކަނޑުފޭރޭ މީހުންގެ އެހެން ޖަމާޢަތްތަކުން އިންޒާރުދިން ގޮތުގައި އެމީހުންގެ "ފޭރޭ އަޚުން" ގެ މަރުގެ ބަދަލު ހިފޭނެއެވެ.
މުހައްލިލުން ފަރާތްތަކުން ބުނާގޮތުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ތެރޭގައި ޢާއްމުކޮށް ހިމެނެނީ މަސްވެރިކަމުގެ މަސައްކަތާއި ޢަސްކަރީ ހަރަކާތްތަކުގައި ކުރީން އުޅެފައި ތިބޭ މީހުންނެވެ. އޭގެ ތެރޭގައި ޖީޕީއެސްއާއި، ރޭޑިޔޯ އާލާތްތަކާއި ކޮމްޕިޔުޓަރުގެ މަސައްކަތް ފަދަ މަސައްކަތްތަކަށް ހުނަރުވެރި މީހުންވެސް ގިނަ ޢަދަދަކަށް ހިމެނެއެވެ. ބޮޑެތި އުޅަނދުތައް ހައިޖެކްކުރުމަށްފަހު އެ އުޅަނދުފަހަރު ކޮންޓްރޯލްކޮށް، އެ އުޅަނދުފަހަރުގެ މުއާސަލާތީ ނިޒާމުތައް ބޭނުންކޮށްގެން ފިދުޔައިގެ ގޮތުގައި ފައިސާ ދޭން އުޅަނދުފަހަރުގެ ވެރިފަރާތަށް އެންގުން ފަދަ ކަންތައް ކުރަނީ ފަހުން މި ދެންނެވި މަސައްކަތްކުރާ މީހުންނެވެ.
ކަނޑުފޭރުމުގެ މަސައްކަތާ ބެހޭ ގޮތުން ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ވާހަކަ މުޅީން ތަފާތެވެ. އެމެރިކާގެ ނިއު ޔޯރކް ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި ކަނޑުފޭރޭ މީހުންގެ ޖަމާޢަތެއްގެ މަންދޫބަކު ބުނެފައި ވެއެވެ. "އަހަރެމެންނަކީ ކަނޑުމަތީގައި އަނިޔާވެރިކަން އިސްކުރާ ނުބައި ބައިގަނޑެއް ނޫން. އަނިޔާވެރި އަދި ނުބައި މީހުންނަކީ އަހަރެމެންގެ ކަނޑުތަކަށް ކެމިކަލް ދަގުޔާއި އެހެނިހެން ކުނިބުނި އަޅައި، އަހަރެމެންގެ ކަނޑުތަކުގެ ބޭނުންކޮށްގެން ހަތިޔާރު އުފުލައި، އަހަރެމެންގެ ކަނޑުތަކުން އަހަރެމެންގެ ޤާނޫނުތަކާ ޚިލާފަށް މަސްވެރިކަންކޮށް ހަދާ މީހުން. އަހަރެމެން ކުރާ ކަމަކީ އަހަރެމެންގެ ކަނޑުތައް ޙިމާޔަތްކުރުން. އަހަރެމެންނަކީ ސޯމާލިޔާގެ ކޯސްޓް ގާރޑް ކަމަށް ބަލާ. 1991 ވަނަ އަހަރު ސޯމާލިޔާގެ މަރުކަޒީ ސަރުކާރު ވެއްޓުމަށްފަހު އަހަރެމެންގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަމެއް އަހަރެމެންގެ ސަރުކާރުގެ ކިބައިގައެއް ނެތް. އޭގެ ސަބަބުން އެހެން ޤައުމުތަކުގެ މަސްވެރިކަންކުރާ ބޮޑެތި އުޅަނދުފަހަރުތަކުގެ ފްލީޓުތައް އަހަރެމެންގެ ކަނޑުތަކަށް އައިސް އެ ކަނޑުތަކުގެ މަސްވެރިކަމުގެ މުއްސަނދިކަން ފޭރެން ފެށީ. އަހަރެމެންގެ މަސްވެރީން އެމީހުންގެ އުޅަނދުފަހަރުގައި ހަތިޔާރު ގެންގުޅެން ފެށީ އެފަދަ އުޅަނދުފަހަރާ ކުރިމަތިލާން. އަދި އަހަރެމެންގެ ކަނޑުގެ ސަރަޙައްދާއި އެ ކަނޑުތަކުގެ ވަސީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި ޓެކްސް އަތުލުމުގެ ގޮތުން."
ސޯމާލިޔާގެ އިރުމަތީ އައްސޭރި ކަނޑުފޭރޭ މީހުންގެ ޙަރަކާތްތަކުގެ މަރުކަޒަކަށް، އަދި އެބައިމީހުންގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދަކަށް ވެފައިވާ އިރު، އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފަދަ ފިޔަވަޅެއް އެޅުމަށް އެ ޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޤައުމުގެ ދާޚިލީ ހަމަނުޖެހުންތަކެވެ. ސަރުކާރަށް ވަނީ ހަމައެކަނި ވެރިރަށް މޮގަދިޝޫގައިވެސް ހަމަޖެހުން ޤާއިމުކުރުމުގެ ކުޅަދާނަކަށް ނުލިބިފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ކަނޑުފޭރޭ މީހުންނާ ދެކޮޅަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އެޅުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މި ވަގުތަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅެއް ކަމަށް ބެލެވެނީ އެ ސަރަޙައްދުގެ ކަނޑުތައް ބެލެހެއްޓުމުގެ ގޮތުން ބައިނަލް އަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަ ކުރުމެވެ. 2008 ވަނަ އަހަރު ބައިނަލް އަޤުވާމީ ކަނޑުގެ ޢަސްކަރީ ފްލީޓެއް އެ ސަރަޙައްދުގައި ފޯރިމަރަން ފެށުމަށްފަހު ކަނޑުފޭރޭމީހުންގެ ޙަރަކާތްތައް ވަރަށް ބޮޑަށް މައިތިރިކުރެވުނުކަން ފާހަގަކޮށްލެވެއެވެ. ދަތުރުވެރި އުޅަނދުފަހަރު އަތުލައިގަންނަން ކަނޑުފޭރޭ މީހުން ހިންގި އެތައް އޮޕަރޭޝަނެއް މި ފްލީޓުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ނަމަވެސް މި ސަރަޙައްދަކީ ނުހަނު ބޮޑު ސަރަޙައްދަކަށްވުމާއެކު މުޅި އެ ސަރަޙައްދު ބެލެހެއްޓުމަކީވެސް ޚަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބަލާއިރުވެސް ވަރަށް އުނދަގޫ ކަމެކެވެ. އެޅިދާނެ އަނެއް ފިޔަވަޅަކީ މުދަލާއި ޕެސެންޖަރުން އުފުލާ އުޅަނދުފަހަރުގައި ހަތިޔާރު ގެންގުޅުމެވެ. ނަމަވެސް ބައިނަލް އަޤުވާމީ ޤާނޫނުތަކުގައި މިހާރު ހުރި އެތައް މާއްދާތަކަކީ މިފަދަ ގޮތަކަށް ޢަސްކަރީ ނޫން އުޅަނދުފަހަރުގައި ހަތިޔާރު ގެންގުޅުން މަނާކުރާ މާއްދާތަކެކެވެ. އެފަދަ މާއްދާތައް އުވައިލަން ވާހަކަ ދައްކާއިރު، އެކަމަށް ދެކޮޅު ހަދާނޭ ޤައުމުތައްވެސް ބައިވަރެވެ. އެހެންކަމުން ސޯމާލިޔާގެ ކަނޑުފޭރޭ މީހުން އެ ސަރަޙައްދުގައި ފޭރުމުގެ މަސައްކަތް ބޮޑު ސިނާއަތެއްގެ ގޮތުގައި ކުރަމުންދާ ދިޔުން އަވަސް ކުރިމަގެއްގައި ހުއްޓުވިދާނެތޯ މިއީ ބޮޑު ސުވާލެކެވެ.