25 Mar 2010, 15:50
19:00
ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާއި، ޤާނޫނުތަކާއި ޤަވާޢިދުތަކުން މަނާކުރާ ކަންކަން ކުރުމަށް ފާޅުގައި ގޮވާލާ މުޖްތަމަޢުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ގެއްލޭގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު، ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާނެކަމުގެ އިންޒާރު ފުލުހުން ކޮށްފި އެވެ.
ނުރައްކާތެރި ކުށްތައް ކުރުން އިތުރުވެގެން ދިއުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފަށައިފައިވަނިކޮށް ބައެއް ސިޔާސީ ޕާޓީތަކުންނާއި، ބައެއް ސިޔާސީ ފަރާތްތަކުން ޤާނޫނީ ހުދޫދުން ބޭރުން ކަންތައްތައް ކުރުމާއި އެފަދަ ކަންތައްތައް ކުރުމަށް ގޮވާލަމުންދިއުމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ޤާނޫނު އަސާސީން ފުލުހުން އަދާކުރުމަށް ކަނޑައަޅާފައިވާ ޒިންމާތަކުގެ ތެރެއިން މުޖްތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތް ކޮށްދީ އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރި ކޮށްދިނުމަށް ފުލުހުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރުމަށް ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ހުރަސް އެޅެމުންދާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ. އަދި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާއި، ޤާނޫނުތަކާއި ޤަވާޢިދުތަކުން މަނާކުރާ ކަންކަން ކުރުމަށް ފާޅުގައި ގޮވާލާ މުޖްތަމަޢުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ގެއްލޭގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު، ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ އިންޒާރު ކޮށްފަ އެވެ.