ތައުލީމީ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހެޔޮއަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅާ އިމާރާތައް، ކުއްލިއްޔާގެ ޓީޗަރުންނަށް ކުރިމަތި ނުލެވެނީ ފްލެޓް ދޫކުރުމުގެ އުސޫލަށް ނުފެތޭތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ތައުލީމީ ފަނޑުން "އެދުރުހިޔާ"ގެ ނަމުގައި ހަދާފައިވާ 10 ބުރީގެ އެ އިމާރާތައް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޓީޗިން ސާވިސް އޮފިސަރުންނާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުން ގެ މަގާމުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ މީހަކަށް ވާންޖެހެ އެވެ. ނަމަވެސް ސިވިލް ސާވިސްގެ އޮނިގަނޑުގައިވާ ގޮތުން ކުއްލިއްޔާގެ ލެކްޗަރާއިން އެ ދެ ކެޓަގަރީ ގައިވެސް ނުހިމެނެ އެވެ.

އެދުރުހިޔާ އާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއީލް ވިދާޅުވީ، އެދުރުހިޔާއަށް އެދުމުގެ އުސޫލުގެ ތެރެއަށް ކުއްލިއްޔާގެ ލެކްޗަރުންގެ އިތުރުން ޕޮލިޓެކްނިކްގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުން ވެސް ނުފެތޭ ކަމަށެވެ.

"ކުއްލިއްޔާ އަކީ ހަގީގަތުގައި ވަކި އޮނިގަނޑެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށްވާތީވެ، އެ އޮނިގަނޑު ޓީޗަރުންގެ އޮނިގަނޑަށް ނުވަދެ އޮންނަނީ. ހަމަ އެގޮތަށް ޕޮލިޓެކްނިކްވެސް. ޓީޗަރުންނާއި، ޓީޗަރުންނާ ރިލޭޓެޑް ގޮތެއްގައި މަސައްކަތްކުރާ އޮފިސަރުންގެ އޮނިގަނޑަށް ފެތިގެން ކޮމެޓީން ފާސްކޮށްފައި އޮތް ގަވާއިދެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ކުއްލިއްޔާގެ ލެކްޗަރުން މިހާރުވެސް އެކަމާއި ގުޅިގެން ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ކަމާއި ބެހޭ ފަރާތްތަކަށްވެސް ހުށަހަޅާނެ ކަމަށާއި، ނަމަވެސް އުސޫލަށް ބަދަލުތަކެއް ގެނައުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ ޓީޗަރުންގެ ފްލެޓްތަކުގެ ކަންތައް ކުރިއަށް ގެންދާނީ ދެފުއް ފެންނަ ގޮތަކަށް ކަމަށާއި އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ނުހިމަނައި، ހާއްސަ ކޮމެޓީ އެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޓީޗަރުންގެ ފްލެޓަށް އެދި ފޯމްތައް ހުށަހެޅުމުގެ މުއްދަތު ހަމަވުމާއި އެކު ފޯމްތައް އިވެލުއޭޓް ކުރަން ފަށައި، އޭޕްރިލް މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެދުރުހިޔާއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ 16 ވަނަ ދުވަހު ހުޅުވާލާފައިވާއިރު އެ ފްލެޓަށް އެދި ފޯމް ހުށަހަޅުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ޓީޗަރުންނަށް ހާއްސަކޮށްގެން އިމާރާތް ކޮށްފައިވާ 10 ބުރީގެ އެދުރުހިޔާ އިމާރާތަކީ، އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން 36 މިލިޔަނާއި އެމްއައިބީ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާ އާއި އެކު ޖުމްލަ 62 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފްލެޓެކެވެ.

އަލަށް އިމާރާތްކޮށްފައިވާ އެދުރުހިޔާގެ 10 ބުރީގެ އިމާރާތުގައި، އެއް ކޮޓަރީގެ 18 ފްލެޓާއި، ދެ ކޮޓަރީގެ 62 ފްލެޓް ހިމެނޭއިރު، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މަގާމުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދެ ކޮޓަރީގެ 60 ފްލެޓާއި އެއް ކޮޓަރީގެ 15 ފްލެޓްވަނީ ހާއްސަ ކޮށްފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ފަސް ފްލެޓެއްވަނީ ހާއްސަކޮށްފައިވެ އެވެ.