އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން އެ ކޮމިޝަންގެ މަސައްކަތަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވިކަމަށް ބުނެވޭނެ އެއްވެސް ހައިސިއްޔަތެއް ބޭރުގެ ފަރާތްތަކަށް ލިބިގެންނުވާ ކަމަށް އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖެން ސަކީ އާއި ކެނެޑާގެ ފޮރިން މިނިސްޓްރީގެ އިތުރުން އިންޓަނޭޝަނަލް ހިއުމަންރައިޓްސްގެ ޕާލަމެންޓްރީ ސެކްރެޓަރީ ދީޕަކް އޮބްރާއި، އިއްޔެ ނެރުއްވި ބަޔާންތަކަށް ރައްދުދެއްވައި އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ނެރެފައި ވަނީ ހަގީގަތާ ޚިލާފު ބަޔާންތަކެއް ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ބޭރުގެ ފަރާތްތަކުގެ ބަޔާނަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގެ ހައިބަތާއި ގަދަރަށް އަރައުގަނެވޭ ގޮތަށް، ރާއްޖޭގައި ކަންހިނގާ ނުގިނގާ ގޮތް އެއްވެސް ވަރަކަށް ނުބަލައި އަދި ކަންހިނގާފައިވާގޮތް ދައުލަތުގެ ކަމާހޭ ރަސްމީ ފަރާތަކުން ސާފުނުކޮށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

".... އަދި ރާއްޖޭގައި ކަންހިނގާ ނުހިނގާ ގޮތް އެއްވެސް ވަރަކަށް ނުބައްލަވައި، ކަންހިނގާފައިވާ ގޮތް ދިވެހި ދައުލަތުގެ ކަމާބެހޭ ރަސްމީ ފަރާތްތަކުން ސާފުނުކޮށް ނެރުއްވި ބަޔާންތަކެއް ކަމަށް ދަންނަވަމެވެ. އެހެންކަމުން މި ބަޔާންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގާނޫނީ ވާޖިބު އަދާކުރަމުންދާ ދިއުމާ މެދު ހަގީގަތަށް ބެލުމެއް ނެތި، ހަގީގަތާ ޚިލާފަށް ބޭރުގެ ކޮންމެ ފަރާތަކުން ދައްކާ ވާހަކަތަކަކީ ރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށް ވެސް އަދި އަދުލުއިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް ދެވޭ މަދަދެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

ގާނޫނު އަސާސީއާއި ގާނޫނުތަކުން ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކަށް ދީފައިވާ ބާރުތަކާއި، އެ ބާރުތަކާ އެކު ކޯޓުތަކާ ހަވާލުކުރެވިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ބޭރުގެ އެއްވެސް ގައުމެއްގެ ނުވަތަ ޖަމާއަތެއްގެ ފިއްތުމަކަށް ނޫން ނަމަ ބޭރުގެ ފަރާތްތަކުން ދައްކާފާނެ ވާހަކައަކަށް ޖެހިލުމެއްނެތި ތައައްސުބެއް ނެތި ކޯޓުތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.