11 Mar 2014, 19:21
ދައުލަތުގެ ކަންކަން ހިންގަން ތިބި މަދު ފަރާތްތަކުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތަކުރާރުކޮށް ގޮންޖަހައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމަކީ އެ ކޯޓު ވުޖޫދުން ނެތިދިއުމަށް މަގުފަހި ކުރުވާނެ އަމަލުތަކެއް ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ބޭރު ފަރާތްތަކުން އިއްޔެ ނެރުނު ބަޔާންތަކަށް ރައްދު ދެއްވައި އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
~
އެމަނިކުފާނުގެ ބަޔާނުގައި ރައްދު ދެއްވާފައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖެން ސާކީ އާއި ކެނެޑާގެ ފޮރިން މިނިސްޓްރީ އާއި އިންޓަނޭޝަނަލް ހިއުމަން ރައިޓްސްގެ ޕާލަމެންޓްރީ ސެކްރެޓަރީ ދީޕަކް އޮބްރާއަށެވެ.
އެމަނިކުފާނުގެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަން ގެއްލި، އެ ކޮމިޝަނަށް ނުފޫޒު ފޯރުވި ކަމަށް ބުނުމުގެ އެއްވެސް ހައިސިއްޔަތެއް ބޭރުގެ ދައުލަތަކަށް އަދި ޖަމާއަތަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.
"ދައުލަތުގެ ކަންކަން ކިންގާން ތިބި މަދު ފަރާތްތަކުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތަކުރާރުކޮށް ގޮންޖަހައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑަމުން އައި އައުމަކީ، ދައުލަތުގެ އެއް ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ގަދަރުވެރިކަން ވެއްޔާ މޮޑެލައި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ވުޖޫދު ނެތިދިއުމުގެ މަގުފަހި ކުރުވާނެ އަމަލުތަކެއްކަން ކަށަވަރެވެ،" އުއްތަމަފަނޑިޔާރުގެ ބަޔާނުގައި ވެ އެވެ.
ސުޕްރީމް ކޯޓަށް ގޮންޖަހައި ހުރުމަތް ކެނޑުންފަދަ ކަންތައްތައް އާންމު އަޔަސް، އެއާމެދު ފިޔަވަޅު ނޭޅި އޮތުމަކީ ގާނޫނޫ އަސާސީއަށް ގެއްލުން ލިބި، ކޯޓުތަކަށް އެކަމުގެ ހިޔަނި އެޅިގެންދާނެ ކަމަށް ކަމަށް ފާއިޒުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދުސްތޫރީ ނިޒާމާއި ސިޔާސީ ނިޒާމުގެ ހުރިހާ ދިމާއެއްގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރެ، އެކަންތައްތައް އިސްލާހު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހިފައިވަނިކޮށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ކޯޓުތަކަށް ގޮންޖަހައި، ނިންމުތަކާ ދެކޮޅު ހަދަމުން ދިއުމަކީ ގާނޫނު އަސާސީއަށް ހުރި ނުރައްކަލެއް ކަމަށް ފާއިޒްގެ ބަޔާނުގައިވެ އެވެ.