11 Mar 2014, 17:27
ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވުމަށް ޖުޑިޝަލް ސާވީސް ކޮމިޝަނު (ޖޭއެސްސީ)ގެ ވަކި ވަކި މެންބަރުނަށް މިއަދު އެންގުމުން މަޖިލީހުގެ ކޮމެޓީއަށް މިއަދު ވަޑައިގަތުމަށް ބައެއް މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީ އިން އަމަލުކުރާ ގޮތާއިމެދު ސުވާލު ކުރުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ހާޒިރުވުމަށް އެންގެވުމުން އެކަމާއި ބައެއް މެންބަރުން ދެކޮޅު ހެއްދެވީ އެކަށީގެންވާ ވަގުތު ދީފައި ނުވާތީ ކަމަށް ބުނެ އެވެ.
ރައްޔިތުން މަޖިލީހަށް ޖޭއެސްސީ އިން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވުމަށް ވަކި ވަކި މެންބަރުނަށް ފޮނުވި ސިޓީގައި ކޮމެޓީގައި ޖަވާބުދާރީވުމަށް މެންބަރުނަށް ދޭން ޖެހޭ ވަގުތު ދީފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމަކުން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އަދި ކަމާއިބެހޭ އެހެން ގަވައިދުތަކުގައި މި ކޮމިޝަން ހާޒިރުކޮށް ޖަވާބުދަރީ ކުރުވުމަށް ހުރި އިޖުރާއަތުތަކާއި މުއްދަތުތައް ހަވާލާދިފައިވާ ސިޓީތަކުން ކޮމިޝަނުގެ މެންބަރުނަށް ލިބިފައިނުވާ ފާހަގަކުރެވެ" އެ ސިޓީގައިބުނެފައިވެ އެވެ.
ކޮމިޝަނަށް ދޭން ޖެހޭ ވަގުތުތައް ދިނުމަށްފަހު ހާޒިރުވުމަށް އެންގުމުން ގާނޫނީ އިމުގެ ތެރޭގައި ޖަވާބުދާރީވާނެ ކަމަށް ވެސް އެ ކޮމިޝަނުން ފޮނުވި ސިޓީގައިވެ އެވެ.
ނަމަވެސް ޖޭއެސްސީގައި ހިމެނޭ ދެ މެންބަރަކު ކޮމެޓީއަށް ހާޒިރުވެވަޑައިގެންވި އެވެ. ކޮމެޓީއަށް ވަޑައިގެންނެވީ ސިވިލް ސާވީސް ކޮމިޝަނުގެ ރައީސް ޑރ މުހައްމަދު ލަތީފާއި އެ ކޮމިޝަނުގެ މެންބަރު ޝުއަބު އަބްދުއްރަހުމާނެވެ. ލަތީފްވެސް ކޮމެޓީއަށް ވަޑައިގެން ވިދާޅުވީ ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައި ވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތު ނުދީ ކަމަށާއި އެކަށީގެންވާ ވަރަށް ތައްޔާރީވެވަޑައިގެންފައި ނުވާ ކަމަށެވެ.
މިއަދު ކޮމެޓީގައި ނިންމީ ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަންނަ ހުކުރު ދުވަހު ހަވީރު ކޮމެޓީއަށް ހާޒިރުވުމަށް ޖޭއެސްސީގެ މެންބަރަށް އެންގުމަށެވެ.