11 Mar 2014, 15:10
މުރުޝިދު އަބްދުލްހަކީމް
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސް އަހުމަދު ފަޔާޒުގެ އިތުރުން އެ ކޮމިޝަންގައި މިހާރު ހިމެނިވަޑައިގެންނަވާ ދެ މެމްބަރުން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމީޓީގެ ބައްދަލުވުން ސިއްރުކޮށް، ބައްދަލުވުން ނިންމައިލައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު މެންދުރު ބޭއްވި ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިޔައުމަށް ނިންމީ އެ ކޮމިޓީގެ މެމްބަރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެގޮތަށް ހުށަހަޅުއްވައިގެންނެވެ. އަދި އެވަގުތު އެ ކޮމީޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ ތާއީދާ އެކު ކޮމީޓީ ސިއްރުކުރަން ނިންމީ 15 މިނެޓަށެވެ.
ނޫސްވެރިން ބޭރުކުރުމަށް ފަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުން 15 މިނެޓް ފަހުން އަލުން ވަނީ ހުޅުވައިލަފަ އެވެ. ނަމަވެސް ކޮމިޓީ އަލުން ހުޅުވާލީ އެ ކޮމިޓީ އަށް ހާޒިރުކުރި އީސީގެ މެމްބަރުން ވަޑައިގެންނެވުމުންނެވެ.
އީސީގެ މެމްބަރުން އެ ކޮމިޓީ އަށް ހާޒިރުކުރުމަށް ނިންމީ ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކާ ގުޅިގެން ރޭ ބޭއްވި ބައްދަލުވުގަ އެވެ.
މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީއަށް ޖުޑީޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން މިއަދު މެންދުރު 2:00 އަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ ވެސް ރޭގަ އެވެ.
ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ގާނޫނާ ޚިލާފަށް ކުރި ކަންތައް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 3000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާފައި ވަނީ އެ ކޯޓުން ނެރެފައިވާ އަމުރުތަކާ ޚިލާފަށް ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.