ރާއްޖޭގެ ރަށްތަކުގެ މަގުތައް ތަރައްގީ ގުރުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން ގއ. ވިލިނގިލީ މަގު ތަރައްގީ ކުރުމުގެ ޕްރޮޖެކްްޓް މިއަދު އަމަލީ ގޮތުން ފަށައިފި އެވެ.

ގއ. ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ އެވެ. ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ސައުދު ހުސެއިން އާއި އެމްއާރުޑީސީގެ ޗެއާމަން އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ރާއްޖޭގެ މަގުތައް ތަރައްގީކުރުމުގެ ގޮތުން ހަވާލުކުރެވުނު މަސައްކަތް އަމަލީގޮތުން މިހާރު މިވަނީ ފެށިފައި ކަމަށެވެ.

"ހައުސިންގް މިނިސްޓަރީން އަޅުގަނޑުމެންނާއި ހަވާލުކުރެއްވި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގއ. ވިލިނގިލީގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަދު މި ފެށުނީ. މި ރަށުގެ 50 ކިލޯ މީޓަރުގެ ބައެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަދާނެ." ނަޒީމް ވިދާޅުވި އެވެ.

ވިލިނގިލީގެ 15 މަގެއް ހެދުމުގެ މަސައްކަތް އެމްއާރުޑީސީން ކުރިއަށް ގެންދާ އިރު، އެ ރަށުގެ ހަ ކިލޯ މީޓަރެއްގެ މަސައްކަތް އަ އަހަރުގެ މެދުތެރޭގައި ނިމިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. ވިލިނގިލީގެ އިތުރުން ރާއްޖޭގެ އިތުރު ހަތް ރަށެއްގެ މަގު ތަރައްގީ ކުރުމަށް ވެސް ސަރުކާރުން އެމްއާރުޑީސީއާ ހަވާލުކޮށްފައިވެ އެވެ.