ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރަންދާ ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ސަރުކާރުން އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނަށް މިހާތަނަށް 35 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"ދުރާލައި ރާވައިގެން ހައްޖަށް ދިއުމަށް މަގުފަހިކުރާ ސޭވިން ޕެކޭޖް"ގެ ދަށުން ހައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރު ސަރުކާރުގެ ހައްޖު ކުންފުނި މެދުވެރިކޮށް ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފަ އެވެ. ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ބޮލަކަށް ނެގުމަށް ހަމަޖައްސާފައި ވަނީ 69،965ރ. އެވެ.

ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހަސަން މަނިކުގެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެ ކޯޕަރޭޝަނަށް އެ އަދަދަށް ފައިސާ ޖަމާވެފައި ވުމަކީ އެ ކޯޕަރޭޝަނަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް އަދި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ހައްޖު ކޯޕަރޭޝަނަަށް ފައިސާގެ އެހީތެރިކަންދީފައިވާ ކަމަށެވެ. އެގޮތުން މިސަރުކާރުން އެ ކޯޕަރޭޝަންގެ ކަންކަން ރަނގަޅުކުރުމަށް ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭ އިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 800 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނުން ދޫކޮށްފައިވަނީ 370 މީހުންގެ ކޯޓާ އެވެ. އަމިއްލަ ހައްޖު ކުންފުނިތަކަށް ދީފައިވަނީ 400 ޖާގަ އެވެ.

ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެންދަނީ ބަލަމުންނެވެ.