ވަގުޕާސްޕޯޓްގައި މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ފްލައިޓުން ދަތުރުކުރި މީހުންނާ ޓެރަރިޒަމާ ގުޅުމެއް ނެތް ކަމަށް މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫބަރުކު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ކަމަށް ބީބީސީ ބުނީ ވަގުޕާސްޕޯޓްގައި ދަތުރުކުރި އެކަކީ ޕޫރިއާ ނޫރު މުހައްމަދު މެހެރްދާދު ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އީރާނު މީހެއް ކަމަށެވެ. އަދި އޭނާއަކީ ޓެރަރިޒަމާ ގުޅުމެއް އޮތް މީހެއް ނޫންކަމަށާއި އޭނާ މަސައްކަތް ކުރީ ޖަރުމަނަށް ހިޖުރަކުރަން ކަމަށް ކަމަށް ވެސް ޚާލިދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ޖަރުމަނުގައި ހުރި އޭނާގެ މަންމައާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެމަންމަ ހުރީ އޭނާގެ ދަރިފުޅު ޖަރުމަނުގެ ފްރޭންކްފާޓަށް އައުމުގެ އިންތިޒާރުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށް ގެއްލުނު އެމްއެޗް 370 ނަމްބަރު ފްލައިޓް ގެއްލުނު ފަހުން އެބޯޓުގެ އެއްވެސް އަސަރެއް އަދި ވަނީ ނުފެނިފަ އެވެ. އެބޯޓްގެ އެއްވެސް އަސަރެއް ފެނޭތޯ 10 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެބޯޓުން 239 މީހުން ދަތުރުކުރި އިރު އޭގެ ތެރެއިން ގިނަމީހުންނަކީ ޗައިނާ މީހުންނެވެ.