ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޭނާ ޖަލުން ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޖާބިރު ޖަލުން ދޫކުރެވެން ނެތްކަމަށް ނިންމައި އިއްޔެގެވަގުތެއްގައި ލިޔުމުން ވަނީ އެކަން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމަށް އަންގާފަ އެވެ.

ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި ޖާބިރު އެއްހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގައި، މައްސަލަ ނިމެންދެން އޭނާ ބަންދުން ދޫކޮށްލަން އެދުމުންނެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފު މައްސަލަ ހުށަހަޅުއްވަމުން ޖާބިރުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ރިފްއަތު ވިދާޅުވީ ޖާބިރުގެ މައްޗަށް ކުރި ހުކުމަށް ކްރިމިނަލް ކޯޓުން ވާސިލްވި އިޖުރާއަތްތައް ސައްޚަނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޖާބިރަށް ކުޑަކަމުދާއެއްޗިހި ދޭން އެންގި ފޯމުގެ ސައްޚަކަމާ މެދު ސުވާލުއުފެދޭ އެތައްކަމެއް ކުރިމަތިވެފައިވާ އިރު، ހުކުމް ކުރެއްވި އިރު ފަނޑިޔާރު އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ފުލުހުން ޖާބިރަށް އަނިޔާ ކުރިކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އަނިޔާ ކުރީ ހެކިބަސް ދިން ފުލުހުންކަން ޖާބިރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ހުކުމްގައި ބުނެފައިވާ އިރު އެ ހެކީންނަކީ ޖާބިރަށް އަނިޔާ ކުރި މީހުންކަށް ސާބިތު ކުރުމަށް އެކަށީގެންވާ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ނުކުތާ އަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ސަފާ އިބްރާހީމް ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޖާބިރަށް އަނިޔާ ކުރީ ކާކުކަން ނޭނގޭ އެންމެ ފުލުހެއް ކަމަށެވެ. އެހެންނަމަވެސް ޖާބިރާ ދެކޮޅަށް ހެކިބަސްދީފައި ވަނީ ތިން ފުލުހުން ކަމަށާއި މިސާލަކަށް އެއިން އެކަކު ޖާބިރަށް އަނިޔާ ކުރިނަމަވެސް ދެންތިބި ދެ ފުލުހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތުން ބޭނުންވާ ސުވާލުކުރުމާއި ޖާބިރުގެ ފަރާތުންނާއި ދައުލަތޔުގެ ފަރާތުން ވެސް ވާހަކަ ދެއްކުން އޮންނާނެ ކަމަށެވެ.