11 Mar 2014, 13:56
ކުދި ކުދި ބަދަލުތަކާ އެކު އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް، އައިއޯސް 7.1 އެޕަލް އިން ނެރެފި އެވެ.
މި އަޕްޑޭޓް ދޫކޮށްފައި ވަނީ އައިފޯން 4 އާއި އައިޕެޑް 2 އަށް ވުރެ ފަހުން ނެރިފައިވާ ޑިވައިސް ތަކަށާއި، ފިފްތު ޖަނަރޭޝަން އައިޕޮޑް ޓަޗް އަށެވެ.
އައިއޯއެސް 7.1 އަޕްޑޭޓް އާ އެކު އެޕަލް އިން ދާދި ފަހުން އިއުލާނު ކުރި “ކާ ޕްލޭ” ބޭނުން ކުރެވޭނެ އެވެ. ކާ ޕްލޭ މެދުވެރިކޮށް ފޯނު ކާރާ ގުޅާލުމުން ދުއްވާ އިރު ލަވަ ޖަހާ، ފޯނު ކޮށް، ސިރީއާ ވާހަކަ ދައްކާ، އަދި އެނޫންވެސް އައިއޯއެސް އިން ކުރެވޭ އެތައް ކަމެއް ކުރެވެއެވެ. ކާ ޕްލޭ އަދި ބޭނުން ކުރެވޭނީ މާސިޑީޒް ބެންޒް، ވޮލްވޯ އަދި ފެރާރީގެ އައު މޮޑަލް ތަކުގައެވެ. ނަމަވެސް ވަރަށް އަވަހަށް އެހެން ބްރޭންޑް ތަކުގެ ކާރުތަކަށް ވެސް ކާ ޕްލޭ ތައާރަފް ކުރަން އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިއޯއެސް 7.1 ގައި ސިރި އަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. އައު ބަދަލާ އެކު ހޯމް ބަޓަން އަށް ފިތާލައިގެން ހުރެ ވާހަކަ ދައްކެއެވެ. އަދި ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ހޯމް ބަޓަން އިން ދޫކޮށްލުމުން ސިރި އެއަށް ޖަވާބުދެއެވެ. މީގެ ސަބަބުން ބުނަން ބޭނުންވާ އެއްޗެއް ދިގު ނަމަ، ނުވަތަ ހުއްޓަމުން ވާހަކަ ދައްކާ ނަމަ ބުނަން އުޅޭ އެއްޗެއް ސިރި އަށް ދެނެގަންނަން ފަސޭހަ ވާނެއެވެ.
އައިއޯއެސް 7.0 އަޅާފައިވާ ޑިވަސްތައް އަމިއްލައަށް ނިވޭ މައްސަލަ ބައެއްފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އައު އަޕްޑޭޓް ގައި މި މައްސަލަވަނީ ހައްލުކޮށްފައެވެ.
އައިއޯއެސް 7.1 އަޕްޑޭޓް އާ އެކު އައިފޯން 5 ގެކެމެރާގައި އޮޓަމެޓިކުން އެޗްޑީއާރ ފަންގްޝަން ޖެއްސޭ ގޮތަށް ހެދެއެވެ. އަދި އައިޓިއުންސް ރޭޑީއޯ އާއި ކަލަންޑަރަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ އިރު ޓަޗް އައިޑީ ފިންގަޕްރިންޓް ރެކޮގްނިޝަން ވެސް ވަނީ އިތުރަށް ރަނގަޅު ކޮށްފައެވެ.
މި އަޕްޑޭޓް އައިފޯން އާއި އައިޕެޑް ތަކަށް ސީދާ ޑައުންލޯޑް ކުރެވިދާނެ އެވެ. ނަމަވެސް އައިފޯން އަށް ނެރެފައިވާ 1.4 ޖީބީ، އަދި އައިޕެޑް އަށް ނެރެފައިވާ 1.5 ޖީބީ ގެ ބޮޑު އަޕްޑޭޓް ޑައުންލޯޑު ކުރަން ބުއްދިވެރީ ވައިފައި ކަނެކްޝަންއެއް ބޭނުން ކޮށްގެންނެވެ. ނޫނީ އައިޓިއުންސް މެދުވެރިކޮށް ކޮމްޕިއުޓަރަށް އަޕްޑޭޓް ޑައުންލޯޑް ކުރުމަށްފަހު ފޯނަށް އެޅިވެސް ދާނެއެވެ.
އެޕަލް އިން އައިއޯއެސް 8 ނެރޭނެ ދުވަހެއް އަދި ނުބުނެއެވެ. ނަމަވެސް އިންޑަސްޓްރީއާ ރައްޓެހި ފަރާތްތަކުން ބުނާ ގޮތުގައި ޖޫން މަހު 10 އަކުން 14 އަށް އެމެރިކާގެ ސެންފްރަންސިސްކޯގައި ބާއްވާ ވޯރލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރަންސް (ޑަބްލިއު ޑަބްލިއު ޑީ ސީ) ގައި އެޕަލްއިން އައިއޯއެއްސް 8، މެކްބުކް ޕްރޯ އަދި މެކް މިނީ އިއުލާނުކުރުން އެކަށީގެން ވެއެވެ.