އެންމެން ބައިވެރިވާ ސުލްހަވެރި އިންތިހާބެއް ބޭއްވިޔަދޭން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ގޮވާލައިފި އެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫންގެ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ "އެންމެން ބައިވެރިވާ، ސުލްހަވެރި އަދި އިތުބާރުކުރެވޭ ޕާލަމެންޓްރީ އިންތިހާބެއް ބޭއްވިޔަދެއްވަން ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ބާން ގޮވައިލައްވާ ކަމަށެވެ.

"ޑިމޮކްރެޓިކް ޕްރޮސެސްއަށް އިހުތިރާމްކުރައްވައި، ސުލްހަވެރި، އެންމެން ބައިވެރިވާ އަދި އިތުބާރުކުރެވޭ ޕާލަމެންޓްރީ އިންތިހާބެއް، ގާނޫނު އަސާސީއާ އެއްގޮތަށް ބޭއްވިޔަ ދެއްވުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ސެކްރެޓަރީ ޖެނެރަލް ގޮވައިލައްވަ އެވެ،" ބަޔާނުގައި ވެއެވެ.

އެކަމުގައި ދިވެހި ރައްޔިތުން އެދޭ ގޮތަށް އިހުތިރާމް ކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް ފަޔާޒުގެ މަގާމް ގެއްލިއްޖެ ކަމަށް ސުޕްރީމްކޯޓުން ކުރި ހުކުމާ މެދު ބާންކީ މޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް އިހުތިރާމް ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފަ އެވެ.