11 Mar 2014, 13:14
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު އިންޑިއާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ނިއު ރޭޑިއަންޓަކީ ވަރަށް ވަރުގަދަ ޓީމެއް ކަމުގައި ޗާޗިލްގެ ކޯޗު މަރިއާނޯ ޑިއާސް ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް ކުޅުނު މެޗުން ޗާޗިލް ބަލިވީ 2-0 ލަނޑުންނެވެ. އިންޑިއާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިއާސް ބުނީ، ޓީމެއްގެ ގޮތުގައި ކުޅެމުންދާ ނިއު އަތުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ނިއު ކުޅުނު ހަމައެކަނި މެޗުން އެވަނީ މޮޅުވެފައި. ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް. ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާ ދެކޮޅަށް ނިއު ކުޅުނު މެޗު އަހަރެން ބެލިން. ނިއު އަކީ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއް. ޕާސިޕޫރާ އަތުން ބަލިވުމާ އެކު، މި މެޗުން މޮޅުވަމަކީ ވަރަށް މުހިންމު ކަމެއް." ޑިއާސް ބުންޏެވެ.
މިއަދު ހަވީރު ނިއުއާ ދެކޮޅަށް ޗާޗިލް ނުކުންނަ އިރު، އެ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިންތަކެއް ހުރީ އަނިޔާގަ އެވެ. އެގޮތުން އަނިޔާވި ކުޅުންތެރިންގެ ތެރޭގައި ބަލްވަންތު ސިންގާއި ސަރަން ސިންގް އަދި ލަލިތު ތަޕާ ހުރީ އަނިޔާގަ އެވެ. ނަމަވެސް މި ކުޅުންތެރިންގެ މަގާމުތައް ފޫބެއްދޭ ވަރުގެ ކުޅުންތެރިން ޗާޗިލްގައި އެބަ ތިބި ކަމުގައި ޑިއާސް ބުނެފައިވެ އެވެ.
"ބަލްވަންތު ނެތްތަން ފޫބެއްދޭނެ ކުޅުންތެރިން ވެސް އެބަތިބި. މި މެޗުގައި އޭނާގެ މަގާމު ފޫބައްދާނީ ކްރިސްޓިއަން ލަގޮސް. އަނިޔާވެފައި ހުރި ތަރިއަކަށް ވުރެ، ފިޓްކޮށް ހުރި ކުޅުންތެރިއެއް ރަނގަޅުވާނެ. ލަގޮސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އަހަރެން އުންމީދުކުރަން." ޑިއާސް ބުންޏެވެ.
އެންމެ ފަހުގެ ދިވެހި ލީގު ޗެމްޕިއަން ނިއު އިން މިއަދުގެ މެޗަށް ނުކުންނަ އިރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ހޯމް ޔުނައިޓެޑް އަތުން މޮޅުވީ 1-0 ލަނޑުންނެވެ.
އިންޑިއާގެ ގޯއާގައި ހުންނަ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ނިއު އާއި ޗާޗިލް ބްރަދާސް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 17:00 ގަ އެވެ.