ރޮބިންސަން ކްލަބް މޯލްޑިވްސްގެ ދޯންޏެއް އެ ރިސޯޓުން ފުރައިގެން މާލެ އަންނަނިކޮށް 22 މީހުންނާއެކު ފަރަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޮބިންސަން ކްލަބް ދޯނި ފަރަށް އަރާފައި ވަނީ މ. އަތޮޅާއި ވ. އަތޮޅާ ދެމެދު އޮންނަ ސަރަހައްދަކަށް ކަމަށް ކަމަށާއި އެ ވަގުތު ދޯނީގައި ފަސް އަންހެނުން ވެސް ތިބި ކަމަށެވެ.

"ރޭ 4:15 ހާއިރު ފަރަށް އަރާފައި ވަނީ. 5:50 ފެށިގެން ފުލުހުން ދިޔައީ އެ ސަރަހައްދަށް ގޮސް ފަރަށް އަރާފައި އޮތް ދޯންޏަށް އެހީތެރިކަން ދެމުން،" އޭނާ ވިދާޅުވި އެވެ.

ދޯނީގައި ތިބި ފަސް އަންހެނުން ހެނދުނު 8:00 ހާއިރު މ. އަތޮޅު ދިއްގަރު ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދޯންޏަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ދޯނި ފަރަށް އެރުމަށް މެދުވެރިވި ސަބަބު މިހާތަނަށް ބުނެދޭން ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.