މި އަހަރު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބަކީ ސުލްހަވެރި އިންތިހާބަކަށް ހެދުމަށް ފުލުހުންގެ މުވައްސަސާގެ އެކި "ގުނަވަންތަކުން" ގިނަ ތައްޔާރީތަކެއް މިހާރުވަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުވައްސަސާ އިން މި އަހަރު ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑިދަނޑިތައް އިއުލާން ކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިޔާތުގައި ޕޮލިސް ކޮމިޝަނަރު ވަހީދު ވިދާޅުވީ މަޖިލިސް އިންތިހާބަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބެކޭ އެއްގޮތަކަށް ސުލްހަވެރި އިންތިހާބަކަށް ހެދުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ މަސައްކްތަކެއް އޮގައިނައިޒޭޝަންގެ އެކި ލެވެލްތަކުގައި، އެކި ގުނަވަންތަކުން ވަރަށް ސާބިތުކަމާ އެކު ކުރަމުންއެބަދޭ. އަޅުގަނޑުމެން އުއްމީދު ކުރަމުން މިއަންނަނީ އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބޭ އެއްފަދައިން ރައްޔިތުން މަޖިލިސް އިންތިހާބަކީ ވެސް ކާމިޔާބުވެރިވެރި ސުލްހަވެރި އިންތިހާބަކަށް ވެގެންދިއުން، " ހުސައިން ވިދާޅުވި އެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުލަނޑިތަކުގެ ތެރޭގައި މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަކީ ސުލްހަވެރިކަމާ އެކު ބޭއްވޭ އިންތިހާބަކަށް ހެދުން ހިމެނެ އެވެ. މިއަދު ރަސްމިޔާތުގައި ފޮލިސް ކޮމިޝަނަރު ވަނީ މިއަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތްކޮށްދިނުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.