އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނުކުންނަ އިރު އެންމެ ބޮޑު ކަނބޮޑުވުމަކީ ނިއު ރޭޑިއަންޓުން ވާދަވެރި މެޗުތަކެއް ނުކުޅުން ކަމުގައި އެކުލަބުގެ ވަގުތީ ކޯޗު އިސްމާއިލް އަނިލް ބުނެފި އެވެ.

މި އަހަރު އޭއެފްސީ ކަޕަށް ރާއްޖޭގެ ޓީމުތައް ނުކުތް އިރު، މިހާތަނަށް ކުޅެފައި ވަނީ ވާދަވެރި އެންމެ މެޗެކެވެ. ނިއު އިން އެންމެ ފަހުން އަދި ހަމައެކަނި ކުޅުނު ވާދަވެރި މެޗަކީ ގަލޮޅު ދަނޑުގައި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗެވެ. 1-0 ލަނޑުން ނިއު މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރު އެވެ.

"މެޗު ފިޓްނަސް ނެތުމަކީ އަހަރެމެން ވަރަށް ކަންބޮޑުވާ ކަމެއް. ރާއްޖޭގެ ސީޒަން ފެށުން ލަސްކޮށްފައި ވުމުގެ ސަބަބުން އަހަރެމެންނަށް މިވަނީ ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު ގެއްލިފައި. އަހަރެމެން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެޗުތަކެއް ކުޅުނިން. އެކަމަކު އެ މެޗުތަކުގައި ވާދަކުރި ޓީމުތަކަކީ ފެންވަރުގެ ގޮތުން ވަރަށް ތަފާތު ޓީމުތަކެއް. އެހެން ކަމުން އެ މެޗުތަކުން އަހަރެމެން ބޭނުންވި ވަރަށް ފިޓްނަހެއް ނުލިބުނު." އަނިލް ބުންޏެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގައި ރާއްޖެއާ ވަރަށް ވާދަވެރި ގައުމަކަށްވާ އިރު، މިއަދު ހަވީރު ކުޅޭ މެޗަށް ނިއު އިން ނުކުންނާނީ އެ ހުރިހާ ކަމަކަށް ސަމާލުވެގެން ކަމުގައި އަނިލް ބުނެފައިވެ އެވެ.

"އިންޑިއާ އަކީ ފުޓްބޯޅައިގައި ރާއްޖެއާ އެންމެ ވާދަވެރި އެއް ގައުމު. އަހަރެމެން މެޗަށް ނުކުންނާނީ ޗާޗިލްގެ ކުޅުމުގެ ފެންވަރު ބަލައި ދަސްކޮށްގެން. މެޗަށް ނުކުންނަ އިރު، އަހަރެން ނުކުންނާނީ ހޯމް ޓީމަކީ ވަރުގަދަ ޓީމު ކަމުގައި ބަލައިގެން." އިންޑިއާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ބުންޏެވެ.

މިދިޔަ އަހަރުގެ އިންޑިއާ ލީގާއި ފެޑެރޭޝަން ކަޕް ޗެމްޕިއަން ޗާޗިލް ބްރަދާސް، މި ވަގުތު އޮތީ އިންޑިއާ ލީގު އަދި އޭއެފްސީ ކަޕް ގްރޫޕް އީގެ އެންމެ ފުލުގަ އެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާއާ އަތުން ޗާޗިލް ބްރަދާސް ބަލިވީ 2-0 ލަނޑުންނެވެ.

އިންޑިއާގެ ގޯއާގައި ހުންނަ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ނިއު އިން ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 17:00 ގަ އެވެ.