11 Mar 2014, 11:46
ގެއްލިގެން ހޯދަމުން އަންނަ އެމްއެޗް 370 ފްލައިޓަށް ވަގުޕާސްޕޯޓްގައި އެރި ދެމީހުންގެ ތެރެއިން އެކަކު ވައްތަރީ އިޓަލީގެ މަޝްހޫރު ފުޓުބޯޅަ ތަރި މާރިއޯ ބަލޮޓެލީއާ ކަމަށް މެލޭޝިއާގެ އޮފިޝަލުން ބުނެފި އެވެ.
ވަގުޕާސްޕޯޓްގައި އެރި ދެ މީހުންގެ ތެރެއިން އެކަކު ދެނެގަނެވިފައިވާ ކަމަށް މެލޭޝިއާ ޕޮލިސް ޗީފާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެގައުމުގެ އޭވިއޭޝަން މިނިސްޓަރު އަޒުހަރުއްދީން ވަނީ އެކަން ކަށަވަރުކޮށެއް ނުދެއްވަ އެވެ.
"ތިޔަ ބޭފުޅުން ދެނެލައްވަންތޯ (މާރިއޯ) ބަލޮޓެލީ؟ އެއީ އިޓަލީމީހެއް. އޭނާ ހުންނަގޮތް އެނގިލައްވާތޯ؟" ވަގު ޕާސްޕޯޓްގައި ދަތުރުކުރި ދެ މީހުންނާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން އަޒުހަރުއްދީން ވިދާޅުވި ކަމަށް ޑެއިލީ މެއިލްގައިވެ އެވެ.
އެމީހާ އަކީ ކަޅުމީހެއްތޯ ދެންނެވުމުން ވެސް އަރުހަރުއްދީން އާނއެކޭ ވިދާޅުވި ކަމަށް ވެސް އެނޫހުގައިވެ އެވެ. ނަމަވެސް އޭނާ އެ ފްލައިޓުން ދަތުރު ނުކުރާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ފްލައިޓަށް ވަގު ޕާސްޕޯޓްގައި އެރި ދެމީހުންގެ ޓިކެޓް ބުކްކުރީ އިރާނުގެ ކާޒިމް އަލީ ނަމަކަށް ކިޔާ މީހެއްކަން ވެސް މިހާރު ވަނީ އެނގިފަ އެވެ. އަދި އޭނާ ހޯދަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.