11 Mar 2014, 10:56
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް އިހްތިރާމު ކުރާނެ ކަމުގައި ބަޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު ތޯމަސް މުލާ ބުނެފި އެވެ.
އަމިއްލަ ދަނޑަށް ބަޔާން އިން ނުކުންނާނީ އަވޭ ގޯލުގެ ދެ ފައިދާއަކާއި އެކުގަ އެވެ. ފުރަތަމަ ލެގުގައި އާސެނަލް އަތުން ބަޔާން 2-0 ލަނޑުން މޮޅުވި އިރު، އެ މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޓޯޏީ ކްރޫސްއާ މުލާ އެވެ.
"އަހަރެމެން ޓީމަށް ބަލާ އިރު، ބުންޑަސްލީގާގައި އެންމެ ފަހުން ކުޅުނު 16 މެޗުން ވާނީ މޮޅުވެފައި،" އުމުރުން 24 އަހަރުުގެ މުލާ ބުންޏެވެ. "އަހަރެމެން އަބަދުވެސް ބޭނުންވަނީ މޮޅުވާން. އަހަރެމެންނަކީ އިހުމާލުވާ ނުވަތަ އަމިއްލަ އެދުން އިސްކުރާ ބައެއް ނޫން. އަހަރެމެން މަސައްކަތް ކުރާނީ މެޗުން މޮޅުވާން. ޗެމްޕިއަންސް ލީގުގެ އިދިކޮޅު ހުރިހާ ޓީމަކަށް އަހަރެމެން އިހްތިރާމް ކުރަން. އަހަރެން އިހްތިރާމް ކުރަން ދަސްކޮށްދިން. އިހްތިރާމް ކުރަން ޖެހޭނެ."
މި ސީޒަނުގައި ބަޔާންގެ ކޯޗުކަމާއި ޕެޕް ގާޑިއޯލާ ހަވާލުވުމާ އެކު، އެޓީމުން މުލާ ފެނިގެންދަނީ ވަރަށް އެޑްވާންސް މަގާމުތަކުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ވުލްފްސްބާގްއާ ދެކޮޅަށް ކުޅެ ބަޔާން 6-1 ލަނޑުން މޮޅުވި މެޗުގައި ދެ ލަނޑު ކާމިޔާބުކުރި މުލާ ބުނީ، ކޮންމެ މަގާމަކަށް ކުޅެން ވެސް އުފާކުރާ ކަމަށެވެ.
"އަހަރެން މިހާރު މިދަނީ އެންމެ ކުރީ ސަފުގައި އަދި އަހަރެން މިހާރު މިދަނީ އެ މަގާމަށް ހޭނެމުން. އަހަރެންނަކީ ގިނަ ހަރަކާތްތަކަކާ އެކު ކުޅެމުންދާ ކުޅުންތެރިއެއް. އަހަރެން ކުޅޭނީ ކޯޗު އަހަރެން ބަހައްޓާ މަގާމަކަށް. ގާޑިއޯލާގެ ދަށުން އަހަރެމެން ކުޅެމުން ދިޔަ ގޮތް ވަނީ ކުޑަކޮށް ތަފާތުވެފައި. އެކަމަކު ކޮންމެ މަގާމަކަށް ކުޅެންވެސް އުފާކުރަން." މުލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެ މެޗު މިރޭ ކުރިއަށްދާ އިރު، އެއް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް އޭސީ މިލާން ނުކުންނަ އިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ބަޔާން އާއި އާސެނަލް އެވެ. މި ދެމެޗު ވެސް ފަށާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:45 ގަ އެވެ.