ތަފާތު ވައްތަރުގެ ކާބޯތަކެތި އަދި ފުޑް ސަޕްލިމެންޓް އެއިގެން ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށް ބުނެ އިސްތިހާރުކޮށް ވިއްކުމާއި ބޭނުން ކުރުން އިތުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ސާބިތު ނުހިފޭ ކްލެއިމްސްތަކާ އެކު ކާބޯތަކެއްޗާއި ފުޑް ސަޕްލިމެންޓް ވިއްކުން އިތުރުވެފައިވާ ކަމަށާއި އެތަކެތި ބޭނުން ކުރުމަކީ އޭގެ ސަބަބުން ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.

"އޭގެތެރެއިން ގިނަ ޕްރޮޑަކްޓްތަކަކީ ސައްހަކަން ސާބިތުކުރެވިފައިވާ ޕްރޮޑްކްޓްތަކެއް ނޫން" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ބަލިތަކަށް ބޭސްފަރުވާކުރާ ފަރާތްތައް އަމިއްލައަށް ޑޮކްޓަރީ ބޭސް ހުއްޓާލުމަށް ފަހު އެފަދަ ފުޑް ސަޕްލިމަންޓްތައް ބޭނުންކުރުމަކީ ބަލި މީހާގެ ފުރާނައަށް ނުރައްކާ ވެދާނެކަމެއް ކަމަށެވެ.

"އެގޮތަށް ޑޮކްޓަރީ ބޭސް ހުއްޓާލާ އެފަދަ ޕްރޮޑަކްޓް ބޭނުން ކުރަންވާނީ ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދާ އެކު،" އޮފިޝަލް ވިދާޅުވި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ފުޑް ސަޕްލިމެންޓް އަދި ކާބޯތަކެތި ތަފާތު ކްލެއިމްސްތަކާ އެކު އާއްމުންނަށް އޮޅުން އަރާފަދަ ގޮތަކަށް އިސްތިހާރުކޮށް ނުވިއްކެވުމަށާއި އެފަދަ ތަކެތީގެ ސައްހަކަން ބެލުމަށް ފަހު ނޫނީ ބޭނުން ނުކުރުމަށް އެންމެހާ ފަރާތަކަށް އިލްތިމާޒްކޮށްފަ އެވެ.