11 Mar 2014, 10:48
ގިނަ ކްލަބުތަކަކުން ހޯދުމަށް މަސައްކަތް ކުރަމުންދާ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ، އެކްލަބުގައި ދޫކޮށް ދާން ބޭނުންނުވާ ކަމުގައި ބުނެފި އެވެ.
މި ސީޒަނުގައި ޕީއެސްޖީ އަށް ތިއާގޯ ސިލްވާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ވަރުގަދަ ގިނަ ކްލަބުތަކަކުން ދަނީ ނުރަސްމީ ގޮތެއްގައި ނަމަވެސް އޭނާ ހޯދުމަށް މަސައްތްތަކެއް ކުރަމުންނެވެ. ތިއާގޯ ސިލްވާގެ މޮޅު ކުޅުން ފްރާންސް ލީގު އަދި ޗެމްޕިއަންސް ލީގުގައި ވެސް ދަނީ ފެންނަމުންނެވެ.
"އަހަރެންނާއި ޓީމާ މެދު އެއްވެސް މައްސަލައެއް ނެތް. އަހަރެން ޓީމުގައި މިހިރީ އުފަލާ އެކު. އަދި ޓީމުން އަހަރެންގެ ކުޅުން ވެސް ބަލައިގަންނަމުންދޭ. އަހަރެންގެ ކޮންޓްރެކްޓް ނިމެންދެން ޓީމުގައި ހުންނާނަން. ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމަކީ ވެސް އެކަށީގެންވާ ކަމެއް." ތިއާގޯ ސިލްވާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މިހާރު ޕީއެސްޖީ އަށް ވަނީ ގާތްގަނގަޑަކަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ބަޔާން ލެވަކޫސަން އަތުން ޕީއެސްޖީ މޮޅުވީ 4-0 ލަނޑުންނެވެ. މި ސީޒަނުގައި ދައްކާ މޮޅު ކުޅުން ޕީއެސްޖީ އިން ދައްކާ ނަމަ، ޗެމްޕިއަންސް ލީގު ފައިނަލާއި ހަމައަށް ވެސް އެޓީމަށް ދަތުރުކުރެވިދާނެ ކަމަށް ތިއާގޯ ސިލްވާ ގަބޫލުކުރެ އެވެ.
"އަހަރެމެން މިހާރު މި ދައްކާ ކުޅުން ދައްކާ ނަމަ، އަހަރެމެންނަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރެވި، އެ މުބާރާތް ކާމިޔާބު ވެސް ކުރެވިދާނެ،" އޭނާ ބުންޏެވެ. "އަހަރެން ދެކެނީ ޗެމްޕިއަންސް ލީގުގެ އެންމެ އުނދަގޫ ޓީމަކަށް ވާނީ ބަޔާން މިއުނިކް ކަމުގައި."
ލެވަކޫސަންއާ ދެކޮޅަށް މާދަމާރޭ ޕީއެސްޖީން ދެވަނަ ލެގު މެޗަށް ނުކުންނާނެ އެވެ. ބޮޑު ފައިދާއަކާ އެކު އަމިއްލަ ދަނޑަށް ނުކުންނަ ޕީއެސްޖީ އިން ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ މެންދަމު 12:45 ގަ އެވެ.