މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ދައުލަތުންދައުވާ އުފުލާފައިވާ ހ. ހިކޯސްޓް އަލީ ޝާން ދިފާއުގައި ހުށަހެޅި ހެކީން ސިއްރު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިއަދު ބޭއްވު ޝަރީއަތުގެ މަޖިލީހުގައި އެގޮތަށް ނިންމާފައި ވަނީ ޝާންގެ ދިފާއީ ހެކި ސިއްރު ކުރުމަށް އޭނާގެ ފަރާތުން އެދުނު ނަމަވެސް ހެކީން ސިއްރު ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެންނެވެ.

އިޖުރާއީ ނިންމުން ޝަރީއަތަށް އިއްވަވަމުން ގާޒީ ވިދާޅުވީ ފަރުދީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތާއި ޖަމާއީ މަސްލަހަތު ބޮޑުވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އަށް ބަލާ އިރު، އަލީ ޝާންގެ ފަރާތުން ހުށަހެޅި ހެކީންނަށް ރައްކާތެރިކަން ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ހެކި ރައްކާތެރިކުރުމަކީ އަލީ ޝާން ކުރަންޖެހޭ ކަމެއް ނޫންކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ފ)ގެ ދަށުން އެންމެހައި ފަރުދުންގެ ހައްގު ނެގެހެއްޓުމަކީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އަލީ ޝާންގެ ފަރާތުން ހުށަހެޅި ހެކީންގެ މައުލޫމާތު ދައުލަތަށް އެނގެން ޖެހޭނެ ކަމަށެވެ.

ދިފާއުގައި ހުށަހަޅާ ހެކި ސިއްރު ކުރެވޭނެ ގާނޫނީ ގާއިދާއެއް ނެއްކަމަށާއި އަދި މަތީ މަރުހަލާގެ ކޯޓަކުން ވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރިޔަސް ހައިކޯޓުން ވަކިގޮތެއް ނާންގާ ނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

ޝާންގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އެ ނިންމުން އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާއި ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.