ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އަތުން 2-0 ލަނޑުން ބަލިވެފައިވީ ނަމަވެސް، މިރޭ ކުޅޭ ދެވަނަ ލެގުގެ މެޗުން އާސެނަލް އަށް އަރައި ގަނެވިދާނެ ކަމުގައި އެކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ ލެެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސް އާއި ތޯމަސް މުލާ އެވެ. ރަނގަޅު ކުޅުމަކާ އެކު އާސެނަލް އަށް ނަތީޖާ ބަދަލުކޮށްލެވިދާނެ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

"މޮޅުވުމަށް ބޭނުންވާ ނަމަ މޮޅު ކުޅުމެއް ދައްކައި ފެންވަރާއި އިތުބާރު ބޭނުންވާނެ،" އޭނާ ބުންޏެވެ. "ތާރީހަކީ މުހިންމު އެއްޗެއް ކަމަށް އަހަރެމެން ގަބޫލުކުރަން. އަހަރެމެންނަށް ކުރިން ވެސް އެކަން ކުރެވުނު، މިފަހަރު ވެސް އެކަން ކުރެވިދާނެ. އަހަރެމެން ޑިފެންސް އަދި އެޓޭކު ވެސް ކުރަންޖެހޭނެކަން އަހަރެމެންނަށް އެނގޭ. އަދި އަހަރެމެން ރަނގަޅު ބެލެންސެއް ގެންނަން ޖެހޭނެ."

ފުރަތަމަ ލެގުގައި އާސެނަލްގެ ޕޮލެންޑް ގޯލްކީޕަރު ވޮޖްސިއެޗް ސްޖެސްނީ އަށް ދެއްކި ރަތް ކާޑާއި ގުޅިގެން މިރޭގެ މެޗެއް އޭނާ އަކަށް ނުކުޅެވޭނެ އެވެ. އާސެނަލްގެ ކިއެރަން ގިބްސް އަށް މިރޭގެ މެޗުގައި ބައިވެރިނުވެވޭނެ ކަން ވެންގާ ހާމަކުރި އިރު، ފްރާންސް ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީ އެނބުރި ސްކޮޑާއި ވަނީ ގުޅިފަ އެވެ.

"މެޗުގައި އަހަރެމެންނަށް ހަމަހަމަކަމާ އެކު ފުރުސަތުތަކެއް ލިބޭނެކަމަށް އަހަރެމެން އުންމީދުކުރަން،" ވެންގާ ބުންޏެވެ. "ޔޫރަޕްގެ މުބާރާތްތަކުގައި އަހަރެމެންނަށް ރަނގަޅު ނަތީޖާތަކެއް ލިބޭ ރޭތަކެއް ދިޔަ. އަދި މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ، އެކަމަކީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ."

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެ މެޗު މިރޭ ކުރިއަށްދާ އިރު، ފުރަތަމަ އެއް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް އޭސީ މިލާނު ނުކުންނަ އިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ބަޔާން އާއި އާސެނަލް އެވެ. މި ދެމެޗު ވެސް ފަށާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:45 ގަ އެވެ.