11 Mar 2014, 10:24
މާފަންނު ކޮޅުން ފެށިގެން ހެންވޭރާ ހަމައަށް ހިނގާފައި ދިޔުމަކީ ބޮޑު ކަމެއް ހެއްޔެވެ؟ އެހެން ގައުމެއްގެ މީހަކަށް އެއީ މާ ބޮޑު ކަމަކަށް ނުވާނެކަން ޔަގީނެވެ. އެކަމަކު މާލޭގައި ވެހިކަލެއްގައި ނޫން ގޮތަކަށް ދަތުރު ކުރުމަކީ އަޅުގަނޑުމެންނަށް ބޮޑު ކަމެއް، އެހެން ނޫންތޯ އެވެ؟
މީގެ ހަތަރު އަހަރު ކުރީގެ ދިރާސާއަކުން ދައްކާ ގޮތުގައި މާލޭގެ އާބާދީ އުޅެނީ އެއްލައްކަ މީހުންނަށް ވުރެ މަތީގަ އެވެ. ހަމަ އެ ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ ކޮންމެ ހަ މީހަކުން އެކަކު ސައިކަލެއް ގެންގުޅެ އެވެ. ޕިކަޕާއި ކާރާއި އެހެން އުޅަނދުތައް ނުލައި ވެސް އެވީ 16000 ވުރެ ގިނަ ސައިކަލެވެ.
ވަށައިގެން ގާތްގަނޑަކަށް ފަސް ކިލޯ މީޓަރެއްހާ ބޮޑުމިން ހުންނަ މާލޭގެ މަގުތައް ބޭނުން ކުރުން ފަސޭހަ ހެއްޔެވެ؟ ދިރާސާ އިން ބުނާ ގޮތުން ނަމަ މާލެއަކީ ހިނގާބިނގާވެ އުޅުމަށް ރަނގަޅު ރަށެއް ނޫނެވެ. ނޫން ނަމަ މާލެއަކީ ހިނގާ މީހުންނާ ރަހުމަތްތެރި ރަށެއް ނޫނެވެ.
މާލެ ތޮއްޖެހި، ވެހިކަލްތައް ގިނަވުމުގެ ސަބަބުން އެތައް މައްސަލައެއް ކުރިމަތިވެ އެވެ. ވައި ނުސާފުވުމާއި އެކްސިޑެންޓުތަކާއި އެކަށީގެންވާ ވަރަށް ވުރެ އަޑުގަދަވުމާއި ބަލިތަކާއި މީހުންނަށް އެކި ގޮތް ގޮތުން މަގުމަތީގައި އަނިޔާވުމަކީ މަގުމަތީގެ މައްސަލަތަކަށް ބަލާއިރު ކުޑަ މިންވަރެކެވެ.
"މާލޭގައި އުޅޭ މީހަކާއި ރާއްޖޭގެ އެހެން ރަށެއްގައި އުޅޭ މީހެއްގެ ސިއްހަތަށް ބެލި ނަމަވެސް އެނގޭނެ މާލޭގައި ދިރިއުޅޭ މީހާއަށް ވުރެ ރަށެއްގައި ދިރިއުޅޭ މީހާގެ ސިއްހަތު ވެސް ރަނގަޅުވާނެ. މާލޭގައި ނަމަ ވެހިކަލްތަކުން ނުކުންނަ ވިހަ ގޭސްތަކަކީ ހަމަ ހަށިގަނޑުގެ ތެރެއަށް ވަދެގެންދާނެ އެއްޗެހި،" ތިމާވެއްޓާއި ދުނިޔޭގެ ސައިންސް އިން ތައުލީމު ހާސިލްކޮށްފައިވާ މައީދު މުހައްމަދު ޒާހިރު ވިދާޅުވި އެވެ.
ވެހިކަލްތައް ގިނަވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް މާލެ ތަރައްގީ ކުރެވިފައި މި ވަނީ ވެހިކަލަށް ހާއްސަކޮށްގެނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ހިނގާ މީހުންނަށް ހާއްސަ ޕޭވްމަންޓު ނުހުންނަ މަގުތައް ވެސް އިންތިހާއަށް ގިނަވުމެވެ.
ވެހިކަލްތަކުން މާލެ ފުރިފައިވާ ވާހަކަ ދައްކާ އިރު ކުޑަމިނުން ޕޭވްމަންޓެއް ވެސް ނުހުންނަ ނާތަހުޒީބު ރަށަކަށް މާލެ ބަދަލުވީ ކީއްވެގެންތޯ ވެސް ބަލަންޖެހެ އެވެ.
"އަޅުގަނޑަށް ވިސްނޭ އެންމެ ބޮޑު ސަބަބަކީ އާބަން ޑިވެލޮޕްމަންޓް ޕްލޭނެއް ނެތުން. އޭގެ ސަބަބުން މާލޭގެ އާބާދީ އިންތިހާ ދަރަޖައަށް މައްޗަށް ގޮސް މިއޮތީ އޮބިނޯންނަ ވަރު ވެފައި،" މައީދު ވިދާޅުވި އެވެ.
ދުއްވާ އުޅަނދުތަކުގެ ރަށަކަށް މާލެ ބަދަލުވެފައި ވަނީ ހަމައެކަނި އާބާދު ކުރުމުގައި ޕްލޭނެއް ނެތުމުން އެކަންޏެއް ނޫނެވެ. މި ރަށް ތަރައްގީ ކޮށްފައި މި ވަނީ ސިޓީ ލޭންޑް ޔޫސް ޕްލޭނެއް ވެސް ނެތި އެވެ.
"ވެހިކަލްތަކަށް ކޯޓާ ކަނޑައެޅުމާއި ބިލްޑިން ކޯޑުތަކުގައި ޕާކު ކުރާނެ ތަން ހިމެނުމަށް ކަނޑައެޅުމަކީ ހަގީގަތުގައި ރަށް އާބާދީ ކުރަން ފަށާ އިރު ނިމިފައި ހުރި ކަންތައް. އެކަމަކު އަދިވެސް އަޅުގަނޑުމެންނަށް މި ދެ ކަންތައް ވެސް ނުވޭ،" މައީދު ވިދާޅުވި އެވެ.
ހިނގާ މީހުންނަށް ވެސް ރަހުމަތްތެރި ގޮތަކަށް މާލެ ބަދަލު ކުރެވިދާނެ ހެއްޔެވެ؟ އެންމެ ރަނގަޅު ނުކުރެވުނަސް ކޮންމެވެސް ވަރެއް ކުރެވޭނެ އެވެ.
ނުގަވާއިދުން ދުއްވާ މީހުންނަށް ނުވަތަ ޓްރެފިކްގެ ގަވާއިދާ ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމަކީ މާލެ އަމާންކޮށް ބެހެއްޓުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެއިރުން ވެސް ކޮންމެވެސް ވަރެއްވާނެ އެވެ.
"މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް ޓްރެފިކްގެ އެކި މައްސަލަތަކުގައި އަޅުގަނޑުމެން 25926 މީހުންނާ މެދު ފިޔަވަޅު އެޅިން،" ޓްރެފިކް ފުލުހުންގެ ހެޑް އާސިމް އަބްދުﷲ ވިދާޅުވި އެވެ.
އެކަމަކު ހަމައެކަނި ގަވާއިދާ ހިލާފުވާ ވެހިކަލްތަކަށް ފިޔަވަޅު އެޅުން އެއީ ހައްލެއްތޯ އެވެ؟
"މާލޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ ވެހިކަލްތަކަށް އެބަޖެހޭ ކޯޓާއެއް ކަނޑައަޅަން. ވެހިކަލްތައް އެބަ ޖެހޭ މަދު ކުރަން. އެ ނޫން ހައްލެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ވެހިކަލްތަކުގެ މައްސަލަ ވެސް ފެށެނީ މި އާބާދީގެ މައްސަލައާ ގުޅިގެންނެވެ. މިކަން ހައްލުނުކޮށް ރާއްޖޭގެ އެއްވެސް ކަމެއް ހައްލުނުވާ ދަރަޖައަށް މިހުރީ ކަންތައް ގޮސްފަ އެވެ.
"އާބާދީ އެބަޖެހޭ އަތޮޅު ތެރެއަށް ވެސް ބެހެން. ބޮޑެތި އަތޮޅުތައް ތަރައްގީކޮށް މާލޭގެ އާބާދީ އެބަޖެހޭ މަދު ކުރަން. ހުޅުމާލެއަކީ މާލޭގެ އާބާދީއަށް ލުޔެއް ދިނުމަށް ހެދި ރަށެއް. އެކަމަކު އެހެނެއް ނޫން މިވީ އެހެންނޫންތޯ؟،" ކުރިން ވާހަކަ ދެއްކެވި މައީދު ވިދާޅުވި އެވެ.
ދެން އޮތީ މިހާރުން މިހާރަށް ކުރެވިދާނެ ކުދިކުދި ކަންކަމެވެ.
"ފެހި ހިސާބުތައް ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް އިހުސާސް ނުވި ނަމަވެސް މިހާ ފިކުރު ބޮޑުކޮށް މުޅި ދުވަހު އުޅެންޏާ މީހާ ހުންނާނީ ވަރަށް ބޮޑު ސްޓްރެސްއެއްގައި. ފެހިކަން އިތުރުވުމަކީ މިކަމަށް ވެސް ރަނގަޅު ހައްލަކަށްވާނެ،" އޭނާ ވިދާޅުވި އެވެ.
ދެން ވެސް ކުރެވިދާނެ އިތުރު ކަމެއް އެބަ އޮތެވެ. ސައިކަލު ދުއްވާ މީހުން ބައިސްކަލަށް ނުވަތަ ހިނގާފައި އުޅުމަށް ބަދަލު ކޮށްލުމެވެ. އެއިރުން ޓްރެފިކްގެ މައްސަލަ އާއި ވައިނުސާފުވުން ފަދަ ކަންކަމަށް ހައްލެއް އައިސް މާލެ މުޅިން އަމާންވާނެ އެވެ.
ހާމިދު، 55، ބައިސްކަލު ދުއްވާތާ މިހާރު ހަ އަހަރު ވީ އެވެ. މުނި ހޯމްކެއާގައި މަސައްކަތް ކުރަމުން އަންނަ ހާމިދު ކުރިން ސައިކަލެއް ދުއްވުމަށް ފަހު މިހާރު އެ ދުއްވަނީ ބައިސްކަލެކެވެ.
"ކޮންމެ ދުވަހަކު އޮފީހަށް ވެސް ދަނީ ބައިސްކަލުގައި. އޮފީސް ކަންކަމުގައި ހަމަ ވަރަށް ގިނައިން ދުއްވަން ވެސް ޖެހޭ. ބުރައެއް ވެސް ނޫން ދުއްވާކަށް. ތަނަކަށް ތަދެއް ވެސް ނުވޭ. ހަމަ ބަރާބަރަށް މި ހުރީ. އެކަމަކު މިހާރު 55 އަހަރު ވީ،" ހާމިދު ބުންޏެވެ.
"ހަރަދެއް ކުރާކަށް ޖެހެނީ އެއް ނޫން. ހަމަ ދެކޮޅަށް ދުއްވާލަ ދުއްވާލާ ހުންނަންވީ. އަޅުގަނޑު ދަރިން ވެސް އުޅުނު ސައިކަލެއް ގަންދޭން. ރައްޓެހިން ވެސް ކިޔާނެ. އެކަމަކު ދެން އަޅުގަނޑު ސައިކަލަކަށް ނާރާނަން."
މާލޭގައި ދެން ލޭންޑް ޔޫސް ޕްލޭނެއް ނުހެދޭނެ. އެކަމަކު ވެހިކަލްތަކަށް ކޯޓާއެއް ކަނޑައެޅިދާނެ އެވެ. ފެހި ސަރަހައްދުތައް އިތުރު ކުރެވިދާނެ އެވެ. ސައިކަލުތައް މަދުކޮށް ބައިސްކަލުތައް އިތުރު ކުރެވިދާނެ އެވެ. އަދި ހުރިހާ މައްސަލަތަކުގެ "މަންމަ މައްސަލަ" ކަމަށްވާ މާލެއަށް އާބާދީ ތޮއްޖެހުން ހުއްޓުވުމަށް ބޮޑެތި އަތޮޅުތައް ތަރައްގީކޮށް މުޅި ރާއްޖެއަށް ހަމަހަމަކޮށް އާބާދީ ބެހިދާނެ އެވެ. އެހެން ނޫން ނަމަ މާލޭގެ މާ ބޮޑު ކުރިމަގެއް ނެތެވެ.