އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ދައުވާކޮށް، ގޮނޑި ގެއްލުން ކަމަށް ސުޕްރީމްކޯޓުން ކުރި ހުކުމުން ދައްކައިދެނީ ޖުޑިޝަރީގެ ބާރުތައް ފުޅާކުރުން (އިތުރު ބާރުތައް ހޯދުން) ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާ އިން މިހެން ބުނީ އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.

"އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މައްޗަށް ދައުވާކޮށް، ކުށްވެރިކޮށް، އެދެބޭފުޅުންގެ ކޮމިޝަނުން ވަކިކުރުމަށާއި ރައީސް ހަމަސް ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް ހިމެނޭ ގޮތުން ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުން ފަހަކަށް އައިސް ހިންގާފައިވާ އަމަލުތަކާ އެމެރިކާ ވަރުގަދައަށް ދެކޮޅު ހަދަ އެވެ. މިއަމަލުތަކުން ދައްކުވައި ދެނީ ދުވަހަކު ވެސް ނުކުރާ ވަރަށް ޖުޑިޝަރީ އަށް އިތުރު ބާރުތައް ނެގުމެވެ. އަދި ޖުޑިޝަރީން އެޅި ހުރަސްތަކާ އެކުގައި ވެސް ކާމިޔާބު އިންތިހާބުތަކެއް ބޭއްވި މިނިވަން މުއައްސަސާއެއްގެ ބާރުކަނޑުވާލުމެވެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ޖެން ސާކީ ނެރުއްވި ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އިންތިހާބު ބޭއްވުމުގެ ޒިންމާ އެޅިފައިވާ އޮފިޝަލް ޖަލަށް ލުމަށް ފަހުގައި ވެސް މާޗް މަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަން އެންގުމަކީ ސަރުކާރުން ޑިމޮކްރަސީއަށްދޭ އަހައްމިއްޔަތާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

ސުޕްރީމްކޯޓްގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ޖަލަށް ލުމަށް އެކޯޓުން ވަނީ އާދީއްތަ ދުވަހު ހުކުމްކޮށްފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދާއި އެކޮމިޝަނުގެ ނައިބު ރައީސް ފަޔާޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.