11 Mar 2014, 09:59
މިމަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮއިކޯޓްނުކޮށް އެމްޑީޕީން އެ ދުވަހު ވޯޓުލާން ނުކުންނަން ކެރެން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީ އަށް ބަހުގެ ހަމަލާތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ރައްދު ކުރައްވައިފި އެވެ.
ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ނިހާން ހުސައިން މަނިކުގެ ކެމްޕެއިން ލޯޗުކުރުމަށް ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ގައުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ ގައުމެއް ކަމަށާއި މި މަހުގެ 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވުމަށް އެމްޑީޕީ އަށް ކެރެން ޖެހޭނެ ކަމަށެވެ. އަދި "ދަނޑުގައި ފުޓްބޯޅަ ކުޅެގެން ނަތީޖާ ނެރެން ޖެހޭނީ، ދަނޑުން ބޭރުގައި ފުޓްބޯޅަ ކުޅެގެންނެއް ނަތީޖާއެއް ނުނެރެވޭނެ." ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ތަހުޒީބީ މުޖުތަމައުއެއްގައި ރައްޔިތުންގެ ބާރު ފެށިގެން އައިމާ އަމަލުކުރާނެ ގޮތް ވެސް ރައްޔިތުންގެ މަޖިލީހުން ދައްކައި ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހިޔާލު ފާޅުކުމުން މެންބަރުން މަހްރޫމް ކުރުމަކީ ތަހުޒީބީ މުޖުތަމައުއެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިސް ކަހަލަ އަދި ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ މި މުއައްސަސާ މުޅި މުއައްސަސާ އިން މަހުރޫމްވާ ގޮތަށް. އެބައެއްގެ ހިޔާލު ފާޅުކުރުން މަހްރޫމްވާ ގޮތަށް، ޕާޓީއަކުން މި އިންތިހާބު ބޮއިކޯޓް ކުރުން އެއީ ތަހުޒީބީ މުޖުތަމައުއެއްގައި ކަންކަންކުރާނެ ގޮތެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަބުރުވެރި ބައެއްކަން ރައްޔިތުންނަށް ދައްކަން ޖެހޭ ކަމަށާއި އެގޮތުން އަލަށް އިންތިހާބު ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަނާއި ފަސާދަ ފިލާފައި އޮތް ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ދިމާލަކުން ބެލިކަމުގައިވީ ނަމަވެސް، ކޮންމެ ބަޔަކު މިކަން މިނި ކަމުގައިވީ ނަމަވެސް ހައްގުގައި ވެސް އަދި ހައްގު ނޫން ގޮތެއްގައި ވެސް މެންބަރުންނާއި ދިމާލަށް، މި މުއައްސަސާއާ ދިމާލަށް ކޮރަޕްޝަންގެ އިނގިލި އެބަ ދިއްކުރޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތު ސަރުކާރު ހިންގާ ކޯލިޝަނަށް ލިބިއްޖެ ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފަސޭހަކަމާއި އެކުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އަގްލަބިއްޔަތު ނުލިބުމަކީ ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ހުއްޓޭނެ ކަމެއްވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތެއް ބޭނުންވެގެން މި އުޅެނީ އެއްގޮތަކަށް ވެސް ބޭނުން ގޮތް ދަމަހައްޓާކަން ނޫން. އަގުލަބިއްޔަތު ހޯދަން ބޭނުން ވަނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް އެތަނަކީ ކަރަމާތްތެރި ތަނަކަށް ހެދުމަށްޓަކައި. ކޮރަޕްޝަން ފިލުވާލާފައި އޮތް މުއައްސަސާއަކަށް ހެދުމަށްޓަކައި."
"ދެވަނަ ބޭނުމަކީ ތަހުޒީބީ މުޖުތަމައުއެއްގައި ކަންކަންކުރާނެ އުސޫލަކީ އެއްގޮތަކަށް ވެސް މަގުތަކަށް ނުކުމެ ހުރިހާ ކަމެއް ކުރުމެއް ނޫން. މަގުމައްޗަށް ނުކުމެ އިހްތިޖާޖު ކުރުމަކީ އޮންނަ ކަމެއް. ނަމަވެސް އެކަމަކީ އާދައެއް ކަމަށްވަންޏާ އެއީ ވެސް ޑިމޮކްރަސީގެ އުސޫލެއް ނޫން. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބެންވާނެ. ކޮންމެ ކުލައެއްގައި ތިބި ކަމަށްވީ ނަމަވެސް،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓް ފާސްވެފައި އޮތުމުން ބަޖެޓާއި އެއްވަރަށް ފައިސާ ހޯއްދަވާނެ ކަމަށެވެ. އަދި އިތުރަށް ވެސް ފައިސާ ހޯދައި ރައްޔިތުންނަށް މިއަހަރު މެނިފެސްޓޯގަ އާއި ބަޖެޓުގައި ހިމަނާފައި ހުރި ކަންތައްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމުގެ ސިނާއަތާ އަޅައި ކިރާލެވޭ ވަރުގެ އިންވެސްޓްމަންޓަކާ ގުޅޭ ގޮތުން ބޭރުގެ ބަޔަކާ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން އޮތްކަން ގަބޫލުކުރައްވާ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ކަމަށެވެ.
ނަމަވެސް އެކަން ކުރުމަށް ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަ ގެންނަން ޖެހޭ ކަމަށާއި ސްޕެޝަލް އެކޮނޮމިކް ޒޯނާ ބެހޭ ބިލެއް ފެށޭ ދައުރަށް މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.