11 Mar 2014, 09:42
ކޮލަންބޯ (މާޗް 11) : ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރިމަތިކުރަމުންދާ ތަފާތު ފިއްތުންތަކާ އަދި ގޮންޖެހުންތަކާ ކުރިމަތިލައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ޤާބިލްކަން ސްރީލަންކާ އަށް ލިބިގެންވާ ކަމަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ރާޖަޕަކްސަ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ "ޔޫއެންޕީ" އިން ސްރީލަންކާގެ ގަމްޕަހާގައި ކުރިޔަށްގެންދާ ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ، އެކި ނަންނަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ފަހަތުގައި ވަނީ މުޅި ބައިނަލްއަގްވާމީ މުޖްތަމަޢު ނޫން ކަމަށާ އެކަމުގެ ފަހަތުގައި ވަނީ ސްރީލަންކާއާ ދެކޮޅަށް ހަރަކާތްތެރިވާ މަދުގައުމުތަކެއް ކަމުގަ އެވެ.
އެހެންކަމުން ސްރީލަންކާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ތެދުވަމުންދާ މަދު ޤައުމުތަކަށް ދޫ ނުދެއްވާނެ ކަމަށާ އެފަރާތްތަކުގެ ފިއްތުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ސްރީލަންކާ އަށް ލިބިގެންވާ ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ. ރާޖަޕަކްސަ އިތުރަށް ވިދާޅުވީ ސްރީލަންކާގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވިޔަނުދެއްވާނެ ކަމަށާ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް އޭނާގެ ސަރުކާރުން ދޫނުދޭނެ ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ސްރީލަންކާއާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތް އިސްކޮށް އޮވެގެން ހުށަހަޅާފައިވާ ޤާރާރު ފާސްކުރުމަށްޓަކައި މެންބަރު ގައުމުތަކުގެ ތާއީދު ހޯދުމަށް އެ ދެ ގައުމުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ރާޖަޕަކްސަ ވިދާޅުވީ، ސްރީލަންކާގެ ދާޚިލީ ކަންކަން ކުރިޔަށްގެންދާނެ ގޮތާމެދު ގޮތްކިޔުމާއި ވެރިކަން ބަދަލުކުރުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ލިބިގެން ނުވާކަމަށާއި އެއީ ސްރީލަންކާގެ ރައްޔިތުންގެ އަތްމަތީގައި އޮތްކަމެއް ކަމުގަ އެވެ. އދ. އާއި ދުނިޔޭގެ ބާރުގަދަ ބައެއްގައުމުތަކުން އެކަން ކުރަން ބޭނުންވިޔަސް ސްރީލަންކާގެ ރައްޔިތުންގެ ރުހުމާ ނުލާ އެކަން ނުކުރެވޭނެ ކަމަށް ރާޖަޕަކްސަ ވިދާޅުވި އެވެ. (ރޮއިޓާސް)