ބްރަސަލްސް (މާޗް 11) : ޔުކްރޭނާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ޔުކްރޭންގެ ސަރަހައްދީ އިންތަކުގައި ހިނގާ ހަރަކާތްތައް ވައިގެމަގުން ބަލައި މަޢްލޫމާތު ހޯދުމުގެ ހަރަކާތްތަކެއް ނޭޓޯ އިން ފަށައިފި އެވެ.

މިކަން ހާމަކުރައްވަމުން ނޭޓޯގެ ތަރްޖަމާނަކު އިއްޔެ ވިދާޅުވީ ޔުކްރޭންގެ ސަރަހައްދީ އިންތަކުގައި ހިނގާ ހަރަކާތްތަކުގެ މަޢްލޫމާތު ހޯދުމަށް ޓަކައި "އޮވާކްސް" މަތިންދާބޯޓުތައް އަވަށްޓެރި ރުމޭނިޔާ އާއި ޕޮލެންޑްގެ ވައިގެ ސަރަހައްދުތަކުގައި އިއްޔެއިން ފެށިގެން ހަރަކާތްތެރިވާންފަށާފައިވާ ކަމުގަ އެވެ. ޔުކްރޭނާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ޔުކްރޭންގެ ބިމުގައި ހިނގާ ޢަސްކަރީ ހަރަކާތްތަކުގެ މަޢްލޫމާތު އެނގުމަކީ ނޭޓޯއަށް ވަރަށް މުހިއްމު ކަމަށާ "އޮވާކްސް" ބޯޓުތައް ނެރުނީ މިބޭނުމުގައި ކަމަށްވެސް ނޭޓޯގެ ތަރްޖަމާން ވިދާޅުވި އެވެ.

ނޭޓޯ އިން ބޭނުންކުރާ "އޮވާކްސް" ޖެޓް މަތިންދާބޯޓުތަކަކީ ވައިގެމަގުން ވަރަށް ދުރުސަރަހައްދުތަކުން މަޢްލޫމާތު އެއްކުރުމުގެ ގާބިލްކަން ލިބިފައިވާ ރާޑަރުތަކެއް އެކުލެވޭ ބޯޓުތަކެކެވެ. އެމެރިކާގައި އުފައްދާފައިވާ "އޮވާކްސް" ބޯޓުތައް ހަރަކާތްތެރި ވާނީ ރުމޭނިޔާއާއި ޕޮލެންޑްފަދަ ނޭޓޯގެ ގައުމުތަކުގެ ވައިގެ ސަރަހައްދުގައި އެކަނި ކަމަށާ ޔުކްރޭންގެ ސަރަހައްދަށާއި ރަޝިޔާގެ ސަރަހައްދަށް އެބޯޓުތައް ނުވަންނާނެ ކަމަށް ވެސް ނޭޓޯ އިން ބުނެފައިވެ އެވެ.

އަނެއްކޮޅުން ކްރައިމިޔާ ޕެނިންސިއުލާގައި ހަރަކާތްތެރިވަމުންދާ ރަޝިޔާ ސިފައިން އެމީހުންގެ ބާރު އެސަރަހައްދުގައި ވަރުގަދަކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެ އެވެ. މިކަމުގައި ރަޝިޔާ ސިފައިންނަށް އެހީތެރިވަނީ ކްރައިމިޔާގައި މަރުކަޒުކޮށްގެންތިބޭ ޔުކްރޭންގެ ސަރުކާރަށް ނުކިޔަމަންތެރި ޔުކްރޭންގެ ލަޝްކަރުތަކުން ކަމަށާ ޔުކްރޭންގެ ސިފައިންގެ ލަޝްކަރުތައް ވަރަށް ބޮޑަށް ބައިބައިވެ އެއްބަޔަކު އެގައުމުގެ ވަގުތީ ސަރުކާރަށް ތާއީދުކުރާ އިރު އެނެއްބަޔަކު ރަޝިޔާ އަށް ތާއީދުކުރަމުންގެންދާ ކަމަށްވެސް ޚަބަރުލިބެ އެވެ.