21 Dec 2010, 06:07
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން މި އަހަރު އުނިކޮށްފައިވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މޯލްޑިވްސް ސިވިލް ސާވަންޓްސް އެސޯސިއޭޝަން (އެމްސީއެސްއޭ) އިން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.
ސިވިލް ސާރވަންޓް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ސިވިލް ސާވަންޓުންނަށް ހަމަ މުސާރަ ދިނުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ނަމަވެސް، ހަމަ މުސާރަ ދިނުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން ޖެނުއަރީ 1، 2010 އިން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ އިއާދަކުރިތާ މިހާރު ބާރަ މަސް ދުވަސްވެގެންދާއިރު އަދިވެސް ހަމަ މުސާރަ މުވައްޒަފުންނަށް ލިބިފައިނުވާ ކަމަށާއި އަދި ސިވިލް ސާވަންޓުންގެ މުސާރައިން މި އަހަރު އުނިކޮށްފައިވާ ފައިސާ 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނުވުމަކީ، ސިވިލް ސާވަންޓުންނާ މެދު ސަރުކާރުން ގެންގުޅޭ "އިދިކީލަ ސިޔާސަތު" ހާމަވެގެންދާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
" ދެހާސް އެގާރަ ވަނަ އަހަރަށް ލަފާކުރާ ދިވެހި ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިރު، ނިމިގެންމިދާ އަހަރު (2010) ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން ޤާނޫނާ ޚިލާފަށް ނިގުޅައިގެންފައިވާ ފައިސާ ދިވެހި ސަރުކާރުން ބަޖެޓުގައި ހިމަނުއްވާފައި ނުވުމަކީ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާ މެދު ދިވެހި ސަރުކާރުން ގެންގުޅުއްވާ އިދިކީލަ ސިޔާސަތު ހާމަވެގެންދާ ދިރިހުރި ދަލީލެކެވެ." އެ ބަޔާނުގައިވެ އެވެ.
އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބަޖެޓުގައި ހިމަނައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ އެސޯސިއޭޝަނުން ގޮވާލައިފައިވެ އެވެ.
"ދެހާސް ދިހަ ވަނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން ޤާނޫނާ ޚިލާފަށް އުނިކުރި ފައިސާ 2011 ވަނަ އަހަރަށް ލަފާކުރާ ދިވެހި ދައުލަތުގެ ބަޖެޓުގައި ހިމަނައި ދެއްވުމަށް ސިވިލް ސާވިސްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އިލްތިމާސްކުރަމެވެ."
އެމްސީއެސްއޭ އިން އިތުރަށް ބުނަނީ، ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސަތު ބައްޓަންކޮށްފައި ވަނީ، "ސިވިލް ސާވިސް މުވައްޒަފުން ބަދުނާމްކޮށް އަގުވެއްޓޭ ގޮތަށް" ކަމަށެވެ. "ސިވިލް ސާވިސް މުވައްޒަފުންނަކީ ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ހުސްކުރާ ބައެއް ކަމަށް ވިދާޅުވެ، ސިވިލް ސާވިސް މުވައްޒަފުން ބަދުނާމްކޮށް އަގުވެއްޓޭ ގޮތަށް އެކިފަހަރު މަތިން ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވާހަކަފުޅު ދައްކަވަމުން ގެންދިއުމަކީ ޒާތީ ގޮތުން [ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން] ގެންގުޅުއްވާ ވަރަށް ޒިންމާދާރުކަންކުޑަ ދަށު ދަރަޖައިގެ އަމަލެއް" ކަމަށް ބަޔާނުގައިވެ އެވެ.
އަދި "ދިވެހި ސަރުކާރުން ގެންގުޅުއްވާ ތަޣަސަބުން ފުރިގެންވާ ޒާތީ ސިޔާސަތު" ބަދަލު ކުރުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސިވިލް ސާވަންޓުންނަކީ ސަރުކާރު ހިންގާ މައި އިންޖީނު ކަމަށާއި އެހެންކަމުން، އެ މުވައްޒަފުންގެ ގެއްލެމުންދާ ހައްގުތައް ހޯދައިދިނުމަށް ދައުލަތުގެ ތިން ބާރަށާއި މިނިވަން މުއައްސަސާތަކުން މަސައްކަތްކުރުމަށް ވެސް ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
ސިވިލް ސާވިސްގެ މުސާރަ ކުރިން ހުރި މިންވަރަށް އިއާދަކުރުމަށް މަދަނީ ކޯޓުން ވެސް ވަނީ މިއަހަރު ކުރީކޮޅު ސަރުކާރުގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ސަރުކާރުން ހައިކޯޓަށް ހުށަހެޅީ އެވެ. އަދި ހައިކޯޓުގެ ބެންޗް ހަމަނުވާތީ، އަދިވެސް އެ މައްސަލަ އޮތީ ނުނިމި އެވެ.