އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިގެން ނިންމާލައިފި އެވެ.

އެމްޑީޕީން މިރޭ ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިން އެ ޖަލްސާއިން ބޭރުކުރުމަށް ފަހު އެވެ. އެ ޖަލްސާގައި މެމްބަރުންގެ ދެއްކެވި ވާހަކަފުޅުގައި އިންސާފުވެރި އިންތިހާބެއް ނުބޭއްްވޭނެ ކަމުގައިވާ ނަމަ އިންތިހާބު ބޯއިކޮޓް ކުރުމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

މިރޭގެ އެ ބައްދަލުވުމުގައި ދެ ހުށަހެޅުމެއް މެމްބަރުން ހުށަހެޅުއްވި އެވެ. އިންތިހާބް ބޮއިކޮޓް ކުރުމަށާއި އިހުތިޖާޖުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިރު އިންތިހާބްގައި ބައިވެރިވެ އިހުތިޖާޖުކުރުމަށް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް ހުށަހެޅުމަކަށް ވޯޓަށް އަހައިފައެއް ނުވެ އެވެ.

މިރޭގެ ޖަލްސާ ރިޔާސަތުން ނިންމާލިކަން އިއުލާން ކުރުމާ އެކު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލެއްވިކަން އިޢުލާން ކުރެއްވުމަށް ފަހު ޖަލްސާ ދޫކުރައްވައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ނިކުންނެވި ފަހުން "ސަން" އަށް މިރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީސް ނިންމާލިކަން އިއުލާން ކުރެއްވީ ހިޔާލުތަފާތުވެގެން ނޫން ކަމަށެވެ. އަދި ޖަލްސާ ނިންމާލީ ކުރިއަށް އޮތް އިންތިހާބްގައި ބައިވެރިވުމާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމުގެ ކުރިން، އެ ޕާޓީގެ ފަރާތުން އެ އިންތިހާބްގައި ވާދަކުރާ 85 ކެންޑިޑޭޓުންނާ އެކު އެކަމާ މެދު މަޝްވަރާކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ހިޔާލު ހުރީ އިންތިހާބުގައި އެމްޑީޕީން ބައިވެރިނުވުމަށް ކަމުގައިވީ ނަމަވެސް މިރޭގެ ޖަލްސާގައި އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ނެތް އެތައް ކެންޑިިޑޭޓުންނެއް މިފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ، އެހެންވެ އެ ކެންޑިޑޭޓުންގެ ވެސް ހައްގެއް މިއީ. އެހެންމެ ރިޔާސަތުން ޖަލްސާ ނިންމާލީ އެފަދަ ނިންމެއް ނިންމުގެ ކުރިން ނިންމަން ޖެހޭ ގިނަ ކަންތައްތަކެއް ހުރީމާ އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށް،" މޫސަ ވިދާޅުވި އެވެ.


ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މީޑިއާގައި ވިދާޅުވެފައި ވަނީ މިމަހުގެ 22ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސްގެ އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމަށް އަމަލު ކުރުމަށް ކަނޑަައަޅާފައި ވަނީ ތިން އަހަރު ފަހުންނެވެ.