10 Mar 2014, 22:06
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމްޑީޕީން މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނޫސްވެރިން ބޭރުކޮށް ފައްޓައިފި އެވެ.
ދަރުބާރުގޭގައި އެމްޑީޕީން މިރޭ 9 ޖެހިއިރު ފެށި ޖަލްސާ ނޫސްވެރިން ނުވައްދައި ކުރިއަށް ގެންދާ ގޮތަށް ފާސްކުރީ އެ މަޖިލީހުގެ މެމްބަރުންގެ މެދުގައި އެގޮތަށް ނެގި ވޯޓަކަށް ފަހު އެވެ.
ނޫސްވެރިން ނުވައްދާ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ އިންސާފުވެރި އިންތިހާބެއް ނުބޭއްވޭ ނަމަ އެމްޑީޕީން އިންތިހާބު ބޮއިކޮޓް ކުރުމަށް ތާއީދު ކަމަށެވެ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ވެސް އެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.
ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މީޑިއާގައި ވިދާޅުވެފައި ވަނީ މިމަހުގެ 22ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަލަށް ހޮވާ ކޮމިޝަނާ އެކު މިމަހުގެ 22ގައި އިންތިހާބަށް ދިއުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ނައިބް ރައީސްގެ އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމަށް އަމަލު ކުރުމަށް ކަނޑަައަޅާފައި ވަނީ ތިން އަހަރު ފަހުންނެވެ.