ކްލާސްރޫމްތައް ޑިގިޓަލައިޒް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރި މަސައްކަތު ދުވަހުން 200،000ރ. އަށްވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ޝާހިދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އެ ސްކޫލްގެ ކްލާސްރޫމް ތަކުގައި ސްމާޓް ޓީވީ ބެހެއްޓުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުން ހިންގި މަސައްކަތު ދުވަހަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން ދިއްދޫ ކައުންސިލުގެ މެންބަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ފުލުހުންނާއި އެކު ޖުމްލަ 200 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ފާހަގަކުރި އެ ހަރަކާތުން ޖުމްލަ 241،172.66 ރުފިޔާ ހޯދިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާތްގަނޑަކަށް 700 އާއި ގާތްކުރާ އަދަދަކަށް ކުދިން ކިޔަވަމުން ދެއެވެ. އަތޮޅު ތައުލީމީ މަރުކަޒުން ނިންމާފައިވަނީ، ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ކްލާސް ރޫމްތަކުގައި ސްމާޓް ޓީވީ ހަރުކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ އެ ސްކޫލުގައި އޭ ލެވެލް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، މިދިޔަ އަހަރު ބޭއްވުނު އޯލެވެލް އިމްތިހާނުގައި އެ މަރުކަޒުން ބައިވެރިވި ދަރިވަރުންގެ ތެރެއިން 64 ޕަސެންޓް ދަރިވަރުން ވަނީ، ފަސް މާއްދާއިން ފާސްވެފަ އެވެ.