ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު ހަދަން ފަށައި، ވެރިކަން ބަދަލުވުމުން މަސައްކަތް ހުއްޓި، ވޭތުވެދިޔަ ފަސް އަހަރު ވެސް ނުފެށި އޮތް ދ. ބަނޑިދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި އެވެ.

ސަރުކާރުގެ ބަޖެޓުން 52 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީ އާ މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު އެރަށުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ "ހުސް ވާހަކަތަކެއް ދައްކާފައި ތިބޭނެ ސަރުކާރެއް ނޫން" ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ނަތީޖާ ނެރެދޭނެ ކަމަށެވެ. އަދި އެކަން ސަރުކާރުގެ މިވީ މަދު ދުވަސްކޮޅުގައި ވެސް ފެނިގެން ގޮސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދ. ބަނޑިދޫގައި އަޅަން ފަށާފައި ވަނީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. ނަމަވެސް ރަށު ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު އެ ރަށު ބަނދަރުގެ މިހާރު ހަދަން ފަށާފައި ވަނީ 1000 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެއްގެ ގޮތުގަ އެވެ.

މުއިއްޒު ވިދާޅުވީ ބަނޑިދޫގައި ހަދާ އެ ބަނދަރުން ރަށަށާއި އަތޮޅަށްވެސް ތަރައްގީ ލިބިގެންދާނެ ކަމަށާއި ބަނދަރުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރި ނަމަވެސް އެއަށްވުރެ އަވަސް މުއްދަތެއްގައި އެ ބަނދަރު ހަދާ ނިމޭނެ ކަމަށެވެ.

މީގެ އިތުރުން ދ. މީދޫގެ ރައްޔިތުން 20 އަހަރު ދުވަސްވަންދެން އެދިއެދި އޮތް ބިމުގެ ދަތިކަންވެސް މި ސަރުކާރުން ހައްލު ކޮށްދެއްވާނެ ކަމަށް މުއިޒް ވިދާޅުވި އެވެ.

އެގޮތުން އެރަށުގެ ބިން ބޮޑު ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަވާލުކުރި ބޮސްކާލިސް އިންޓަނޭޝަލްގެ ބޯޓެއް މިމަހުގެ 14 ވަނަ ދުވަހު މީދޫގައި ބަނދަރުކުރާނެ ކަމަށާއި އެ މަސައްކަތް ފަށާތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.