10 Mar 2014, 20:11
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން މަގާމުން ވަކިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިޔަސް، އެ ބޭފުޅުން މަގާމުން ވަކިނުވާ ކަމަށާއި އެއީ މިހާރު ވެސް އެ ކޮމިޝަންގެ މެމްބަރުން ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބުނެފި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، ކޮމެޓީގެ ނައިބު މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ނެރުއްވާފައިވާ ލަފަޔާ އެކު މަޖިލީހުން މިހާރު ވެސް ގަބޫލު ކުރަނީ ފުއާދާއި ފަޔާޒަކީ ކޮމިޝަންގެ މެމްބަރުން ކަމުގަ އެވެ.
ފިލްޒާގެ ގާނޫނީ ލަފާގައި ވަނީ އީސީގެ މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބިގެން ވަނީ މަޖިލީހަށް ކަމަށާއި ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހިލާފަށް ކުރައްވާފައިވާ ހުކުމެއް ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މާދަމާ މެންދުރު ފަހު 1:30ގައި އީސީގެ މެމްބަރުން ކޮމެޓީ އަށް ހާޒިރު ކުރައްވާނެ ކަމަށާއި ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ފުއާދާއި ފަޔާޒު ވެސް ހާޒިރު ކުރައްވާނެ ކަމަށެވެ.
ޖުޑީޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން ވެސް މާދަމާ ކޮމެޓިއަށް ހާޒިރު ކުރުމަށް މިރޭ ބޭއްވި ކޮމެޓީގައި ނިންމި އެވެ. ކޮމެޓީން ނިންމާފައިވާ ގޮތުން ޖޭއެސްސީގެ މެމްބަރުން ކޮމެޓީ އަށް ހާޒިރު ކުރާނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.
އެމްޑީޕީގެ ތިން މެމްބަރަކު ކޮމެޓީ އަށް ހުށަހެޅުއްވި ކުއްލި މައްސަލާގެ ބަހުސްގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު މެދު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއްވި ހުކުމާއި އެ ކޯޓުން އާންމު ކުރި ހުކުމާ ތަފާތުތަކެއް އެބަހުރި ކަމަށް ހާމިދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ނައިބު ރައީސް ފަޔާޒަށް ކޮމިޝަންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިޔަސް، އެ ބޭފުޅުން މެމްބަރުކަމުން ވަކިވި ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.